Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް

ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފިއެވެ.

ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ލިބުނީ އެޓީމާ އެންމެ ގާތުން ވާދަކުރަމުން އައި ލިލް އާއި ޓޫލޫސް އިއްޔެ ހަވީރު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

އަދި ލީގު ޗެމްޕިއަންކަން ކަށަވަރުވިފަހުން ކުޅުނު ފުރަތަމަ މެޗުގައި ޕީއެސްޖީން ރޭ ވަނީ މޮނާކޯގެ މައްޗަށް 3-1 އިން ކުރި ހޯދާފައެވެ. މިއީ ފާއިތުވި ހަތް އަހަރުތެރޭ ޕީއެސްޖީން ލީގު ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

ލީގުގައި ފަސް މެޗު ބާކީ އޮއްވާ ޕީއެސްޖީން ޗެމްޕިއަންކަން ހޯދިއިރު، ލީގުގެ އެއްވަނައިގައި އެޓީމު އޮތީ 84 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ލިލް އަށް 65 ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި އޮތް ލިޔޯން އަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ކާމިޔާބުކުރި ތިން ގޯލުވެސް ކާމިޔާބުކޮށްދިނީ ކުރިން މޮނާކޯ އަށް ކުޅުނު ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއެވެ. މި ތިން ގޯލާއެކު ލީގުގައި އެމްބާޕޭ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 30 އަށް އަރާފައެވެ.

ލީގު ޗެމްޕިއަންކަން ޕީއެސްޖީން ހޯދިއިރު ފްރެންޗް ލީގު ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ޕީއެސްޖީ އަށް އަދި އެބައޮތެވެ.