Last Updated: April 24, 08:50
Wednesday, April 24, 2024
ކުޅިވަރު

ލިވަޕޫލަށް މުހިއްމު މޮޅެއް، އާސެނަލް ބަލިވެއްޖެ

ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން މުހިއްމު މޮޅެއް ހޯދިއިރު، އާސެނަލް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު 88 ޕޮއިންޓާ އެކު ލީގުގެ އެއްވަނަ މަގާމަށް ލިވަޕޫލް ވަނީ އަލުން އަރާފައެވެ. ލީގުގެ ދެވަނައިގައި ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެ 86 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ރޭ ބަލިވި އާސެނަލް އޮތީ 66 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ލިވަޕޫލް ރޭ މޮޅުވީ ލީގުގެ 18 ވަނައިގައި އޮތް ކާޑިފް ސިޓީއާ ބައްދަލުކޮށް 2-0 އިންނެވެ.

ކާޑިފްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިވަޕޫލްގެ ތިން ފޯވާޑުން ކަމަށްވާ ފަމީނޯ އާއި ސަލާހުގެ އިތުރުން މާނޭ އަށް ލިބި ބޭކާރުވެފައިވެއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 57 ވަނަ މިނެޓްގައި ވައިނަލްޑަމް ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 81 ވަނަ މިނެޓްގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

އާސެނަލް ރޭ ބަލިވީ ލީގުގެ 12 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސްއާ ބައްދަލުކޮށް 3-2 އިންނެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޕެލެސް އިންނެވެ. މި ގޯލު މެޗުގެ 17 ވަނަ މިނެޓްގައި ޕެލެސް އަށް ކާމިޔާބުކޮށްދިނީ ބެންޓެކޭއެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އޮޒިލް ވަނީ އާސެނަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަތީޖާ އެއްވަރުކުރުމަށްފަހު އާސެނަލް އިން ރަނގަޅަށް ކުޅެމުންދަނިކޮށް، އާސެނަލްގެ ޑިފެންޑަރު މުސްތާފީގެ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 61 ވަނަ މިނެޓްްގައި ޒަހާ ވަނީ ޕެލެސް އަށް އަލުން ލީޑު ނަގާދީފައެވެ. އަދި މެޗުގެ 69 ވަނަ މިނެޓްގައި މެކާތާ ޕެލެސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އާސެނަލްގެ ދެވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮބަމަޔަންގްއެވެ.

މިއީ ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވި މެޗަށްފަހު، އަމިއްލަ ދަނޑުގައި ކުޅެ އާސެނަލް ލީގު މެޗަކުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.