Last Updated: April 19, 22:45
Saturday, April 20, 2024
ސިޔާސީ

މަރުގެ ކޮމިޝަނަށް ރިޔާޒު ހާޒިރު ކުރަނީ!

ޢަބްދުﷲ ރިޔާޒް. ފޮޓޯ: މިހާރު

މަރާލާފައިވާ މީހުންނާއި އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒު ހާޒިރުކުރުމަށް ނިންމައިފިއެވެ.

ރިޔާޒް އެ ކޮމިޝަނަށް ހާޒިރުކުރަނީ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސައާއި ގުޅޭ މަޢޫލޫމާތު ސާފުކުރުމަށެވެ. ޢާންމުގެ މީހަކު ކުރި ޓްވީޓެއްގައި ރިޔާޒް އެ ކޮމިޝަނަށް ޙާޒިރުކޮށްފައިވޭތޯ ސުވާލުކުރުމުން، އެ ކޮމިޝަނުން ބުނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން މިހާތަނަށް ރިޔާޒް ހާޒިރުކޮށްފައި ނުވާކަމަށާއި، ނަމަވެސް ޙާޒިރުކުރާނެކަމަށް ވިދާޅުވެފައެވެ.

ޢަބްދުﷲ ރިޔާޒް ވަނީ ޑރ.އަފްރާޝީމްގެ މަރާގުޅޭ މަޢޫލޫމާތު ރިޔާސީ ކޮމިޝަނެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި ހިއްސާކުރައްވަން ތައްޔާރަށް ހުންނެވިކަމަަށް މިދިޔަ އަހަރު ވިދާޅުވެފައެވެ. ނަމަވެސް މިފަހުން ރިޔާޒް ވަނީ ޑރ.އަފްރާޝިމް ޢަލީގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނަށް ޙިއްސާކުރައްވަންޖެހޭ އައު މަޢުލޫމާތެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް ލިބިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެކަމަށްވެސް ރިޔާޒުވަނީ ވިދާޅުވެފައެވެ. އެއީ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވިއިރު ލިބިވަޑައިގެންނެވި މަޢުލޫމާތުތައްކަމަށާއި އެ މަޢޫލޫމާތު ފުލުހުންގެ އިދާރާއިން ހޯއްދަވާފައިވާކަމަށް ޤަބޫލުކުރައްވާކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި އެ މަޢުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅު ނުވާކަމަށްވެސް ވިދާޅުވެފައެވެ.

ޑރ.އަފްރާޝިމްގެ މަރުގެ މައްސަލައަކީ ރިޔާސީ ކޮމިޝަނުން ބަލާ 25 މައްސަލައިގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ.