Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

މަޖިލީހުގެ ރިޔާސަތުގައި އަންހެނަކު އިންނެވުމަކީ ދުނިޔެއަށް ނަމޫނާއެއް: ޝިދާތާ

ޝިދާތާ ޝަރީފް - ފޮޓޯ: ޖެންޑާ މިނިސްޓްރީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގެ މަގާމުގައި އަންހެން ބޭފުޅަކު ހުންނެވުމަކީ މުޅި ދުނިޔެއަށް ރާއްޖެއިން ދެއްކޭނެ ނަމޫނާއެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވިއިރު މިހާތަނަށް މަޖިލީހުގެ ރައީސް ކަމުގެ މަގާމާއި ނައިބު ރައީސްކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ދެ އަންހެން ބޭފުޅުންނެވެ. އެގޮތުން މަޖިލިސް ރައީސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ޝައުގުވެރިވެ ވަޑައިގަންނަވާއިރު ނައިބު ރައީސްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ޝައުވެރިވެ ވަޑައިގަންނަވައެވެ.

މިނިސްޓަރު ޝިދާތާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނުވަތަ ނައިބު ރައީސް ކަމުގެ މަގާމުން އަންހެން ބޭފުޅަކު ފެނިގެން ދިޔުމަކީ ބައިނަލްއަގުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށެވެ. އަދި މި ދެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ދެ އަންހެން މެމްބަރުންނަށް ޝިދާތާ ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރޮޒެއިނާގެ އިތުރުން އާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެމްޑީޕީގެ އިތުރު ބޭފުޅުންތަކެއް ވެސް ވަނީ ފާޅުކޮށްފައެވެ. އޭގެތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނިވަޑައިގަންވައެވެ.

މި ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ލީޑަޝިޕްގެ އެންމެ ބޮޑު ތާއީދެއް އޮތް ބޭފުޅެއްގެ ގޮތުގައި ފެންނަމުންދަނީ އަސްލަމް އެވެ. އަސްލަމް އަކީ އެމްޑީޕީގެ ޕީޖީ ލީޑަރުކަން މިހާރު ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.