Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ފިލިޕީންސަށް އައި ބިންހެލުމުގައި ދިވެއްސަކަށް ގެއްލުމެއް ނުލިބޭ: މިނިސްޓްރީ

ފިލިޕީންސަށް މިއަދު އައި ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފިލިޕީންސްގެ އުތުރުގެ ސަރަހައްދަކަށް 6.1 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މިހާތަނަށް ވަނީ ފަސް މީހަކު މަރުވެ ބައެއް އިމާރާތްތައް ބިމާ ހަމަވެގެން ގޮސްފައެވެ.

ފޮރިން މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ މި ބިންހެލުމާއި ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ޙާލު ބަލަމުން އަންނަ ކަމަށެވެ. އަދި އިމަރޖަންސީ ކޮންސިއުލަރ ޚިދުމަތް ހޯއްދަވަން އޮނަރަރީ ކޮންސުލް އަށް 006328261883، ނުވަތަ 7983400 އަށް ގުޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ފިލިޕީންސް އޮންނަނީ އެންމެ ގިނައިން ބިންހެލުން އަންނަ ޕެސިފިކް ރިންގް އޮފް ފަޔާގައި ކަމަށްވާއިރު 2013 ވަނަ އަހަރު އެ ގައުމަށް އައި ބާރުގަދަ ބިން ހެލުމެއްގައި ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ފިލިޕީންސް އަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.