Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ރައީސްގެ މަންދޫބު، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ ރައީސްގެ މަންދޫބުގެ މި ބައްދަލުވުމުގައި ލަންކާގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެ، އިއްޔެގެ ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ރާއްޖެ އޮތީ ސްރީލަންކާ ސަރުކާރާއި ރައްޔިތުންނާއި އެކުކަން ހާމަކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް މަންދޫބު މިއަދު ވަނީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި އެޤައުމުގެ ފޮރިން ސެކްރެޓަރީއާ ވެސް މިއަދު ބައްދަލުކުރައްވާފައެވެ.

އިއްޔެގެ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާއިރު ގާތްގަނޑަކަށް 500 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި އަދަދުތަށް އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮމުގެ ހަމަލާތަށް ދީފައިވާ ތަންތަނުގެ ތެރޭގައި ލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެ ޗާޗުގެ އިތުރުން ޝަންގްރިއްލާ ހޮޓަލާއި ސިނަމަން ގްރޭންޑް ހޮޓެލަކަށާއި ދެހިވަލާގެ ސަރަހައްދެއް ހިމެނެއެވެ.

ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު، މި ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ 24 މީހަކު ހައްޔަރުކޮށްފައެވެ. އަދި މިރޭ 12 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން އިއްޔެގެ ހާދިސާތަކާ ގުޅިގެން ނުރަނގަޅު މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކާ ލަންކާގައި ވަނީ ބައެއް ސޯޝަލް މީޑިޔާގެ ވަސީލަތްތަށް ބްލޮކް ކޮށްފައެވެ.