Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ބޮޑު ތިން މައްސަލައިގެ ފަހަތުގައި ތިބި މީހުން ހޯދިއްޖެ: ސުއޫދު

އަނިޔާވެރި، ރަހުމްކުޑަގޮތަކަށް އަވަހާރަކޮށްލާފައި އޮއްވާ ފެނުނު މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީއާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ އާއި އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ފަހަތުގައި ތިބި މީހުން ހޯދިފައިވާ ކަމަށް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ރޭ "ރާއްޖެ ޓީވީ" ގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ އެ ކޮމިޝަނުން ކުރި މަސައްކަތުން އެ ތިން މައްސަލައިގެ މޯޓިވް ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އަދި މިއީ އެ ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.

ނަމަވެސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ކުރިމަރާލަން ބޭނުން ނުވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވަން ބޭނުން ނުވާ ކަމަށާއި އެ މައުލޫމާތުތައް ކޮމިޝަނުން ނެރޭ ފައިނަލް ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި މި ތިން މައްސަލައިގެ މޯޓިވް ހޯދަން އެންމެ އެކަށީގެންވާ ވަރަށް މީގެކުރިން މަސައްކަތް ކުރެވިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހޯދި ހޯދުންތަކަށް ބަލާއިރު، މޯޓިވް އާއި އަދި ފަހަތުގައި ތިބީ ކޮން ބައެއްކަން މިހާރު ވަނީ ހޯދިފައި" ސުއޫދު ވިދާޅުވިއެވެ.

މީގެއިތުރުން ކޮމިޝަނުގެ ފައިނަލް ރިޕޯޓު ނެރުމުގެ ކުރިން މި ތިން މައްސަލައިގެ ފަހަތުގައި ތިބި މީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ގޯތެއް ހޯދާނެ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީ އަވަހާރަކޮށްލީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގޭ، ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ދައުލަތުން ދެމީހެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް އޭގެތެރެއިން ދައުވާ ސާބިތުވީ ހުސައިން ހުމާމްގެ މައްޗަށް އެކަންޏެވެ.

އުމުރުން 28 އަހަރުގެ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފަ އެވެ. ނަމަވެސް އޭނާ އެރޭ ފެރީއަށް އެރި ކަމާއި އަދި އޭނާ ހުޅުމާލެއަށް ދިޔަކަން ޔަގީން ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ރިލްވާން ފެނޭތޯ ރާއްޖޭގެ ހުރިހާ ރަށެއް ވެސް މިހާރު ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރިލްވާންގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. ޔާމީން 29، މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިންނެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް އެބަދެއެވެ.