Last Updated: March 29, 09:42
Friday, March 29, 2024
ކުޅިވަރު

ތިންވަނަ އަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފި

ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ބާންލީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިިމިއްޖެއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ޗެލްސީ މިހާރު އޮތީ 67 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ރޭގެ މެޗުން މޮޅުވިނަމަ ޓޮޓެންހަމް ފަހަތަށް ޖައްސާލުމަށްފަހު ލީގުގެ ތިންވަނަ މަގާމަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް އޮތެވެ. ޗެލްސީ އަތުން ރޭ ޕޮއިންޓެއް ހޯދި ބާންލީ އޮތީ 40 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގައެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބާންލީންނެވެ. އެގޮތުން ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން މެޗުގެ އަށްވަނ މިނެޓްގައި މި ގޯލު ބާންލީ އަށް ކާމިޔާބުކޮށްދިނީ ހެންޑްރިކްސް އެވެ.

ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި ހަޒާޑް ދިން ޕާހަކުން އެންގޯލޯ ކަންޓޭ ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓްފަހުން ގޮންޒާލޯ ހިގުއައިން ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭޝްލީ ބާންސް ވަނީ ބާންލީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު ބާންލީން ވަރަށް ޑިފެންސިވްކޮށް ކުޅުނުއިރު ޗެލްސީ އަށް ވަނީ ފުރުސަތުތަކެއް ތަނަވަސްކުރަން އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ދެވަނަ ހާފްގައި ޗެލްސީ އަށް ބާންލީގެ ގޯލަށް ނުރައްކާތެރިކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް ކަމަށްވާއިރު އަޒްޕެލިކުއެޓާ ފޮނުވާލި އެ ހަމަލާ ބާންލީގެ ކީޕަރު ހީޓަން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ބެންޗުން ވެސް ފޮނުވާލާފައެވެ.

ލީގުގައި ޗެލްސީ އަށް ބާކީ ދެން އޮތީ އެންމެ ތިން މެޗު ކަމަށްވާއިރު، ލީގުގައި އެޓީމު ދެން ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.