Last Updated: April 20, 06:38
Saturday, April 20, 2024
ކުޅިވަރު

މިލްނާ ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ސަޕޯޓު ކުރަން ތައްޔާރު

މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް މާދަމާ ރޭ ލީގުގައި ބައްދަލުކުރާ މެޗުގައި ސަޕޯޓުކުރާނީ ޔުނައިޓެޑަށް ކަމަށް ލިވަޕޫލަށް ކުޅެމުން އަންނަ ޖޭމްސް މިލްނާ ބުނެފިއެވެ.

މިލްނާ މިހެން ބުނެފައިވާއިރު ސިޓީއާ އެންމެ ކައިރިން ޕްރިމިއާ ލީގުގެ ތަށްޓައް މިފަހަރު ވާދަކުރަނީ ލިވަޕޫލް އިންނެވެ. އެގޮތުން މިވަގުތު 88 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު އެޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 86 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ސިޓީއެވެ. އެހެންކަމުން ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ ސިޓީ އަށް ލީގުގެ އެއްވަނަ އަލުން ލިބޭނެއެވެ.

ސިޓީ އާއި ޔުނައިޓެޑް ކުޅޭ މެޗުގެ ނަތީޖާ ލިވަޕޫލަށް ވެސް މުހިއްމު ވެފައިވާއިރު މިލްނާ ބުނީ އެ މެޗުގައި އޭނާ ސަޕޯޓު ކުރާނީ ޔުނައިޓެޑަށް ކަމަށާއި އެއީ އޭނާގެ ހަޔާތުގައި ވެސް ޔުނައިޓެޑަށް ސަޕޯޓު ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

"އެކަމަކު އަހަރެން އެ މެޗު ނުއެއް ބަލާނަން. ފޯނު ވެސް އިރުކޮޅަކަށް ދުރުގައި ބާއްވާނީ. އަހަންނަކަށް ނޭނގޭ ދެން ކުރާނެ ކަމެއް. ފަހަރެއްގައި ކާ އެއްޗެއް ކާލަން ބޭރަށް ގޮސްފާނަން" މިލްނާ ބުންޏެވެ.

ޕްރިމިއާ ލީގަކީ އުނދަގޫ ލީގެއް ކަމަށާއި ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ވެސް ދެން ބާކީ ހުރި މެޗުތައް ވެސް ސިޓީ އަށް އުނދަގޫވާނެ ކަމަށް މިލްނާ ބުންޏެވެ. އަދި މިވަގުތު ލިވަޕޫލުން އިސްކަންދޭންވީ އެޓީމަށް ބާކީ އޮތް ތިން މެޗު ކާމިޔާބު ކުރުމަށް ކަމަށާއި އެވަރުން ވެސް ތަށި ނުލިބިއްޖެނަމަ ސިޓީ އަށް މަރުހަބާ ކިޔާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ލިވަޕޫލަށް ބާކީ ދެން ލީގުގައި އޮތީ ތިން މެޗު ކަމަށްވާއިރު، އެ ތިން މެޗުގައި އެޓީމު ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއި ވުލްވްސްގެ އިތުރުން ރެލިގޭޓް ވެފައިވާ ހަޑަލްސްފީލްޑާ ދެކޮޅަށެވެ.