Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ލަންކާގެ ހަމަލާއަކީ މި ސަރަހައްދަށް ކުރިމަތިވި ނުރައްކަލެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާ އަށް މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކަކީ މުޅި މި ސަރަހައްދަށް ކުރިމަތިވި ބޮޑު ނުރައްކަލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުން، އެ ނުބައި ޓެރަރިޒަމްގެ ޖަރީމާ ކުށްވެރިކުރަނީ، އެންމެ ހަރުކަށި ޢިބާރާތުން ކަމަށާއި އެއީ ލަންކާގައި ދިން ޙަމަލާއަކަށް ވިޔަސް، އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި އެ ޙަމަލާތަކުގައި މަރުވެދިޔަ މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދަންނަވައި އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އެ ހަމަލާތަކަކީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ވަރަށް އަނިޔާވެރި، ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް. ކޮންމެ މަގުސަދެއްގައި ވިޔަސް އެއްވެސް ހައްގަކާ ނުލައި ކުށެއް ނެތް ބަޔަކަށް އެފަދަ ރަހުމްކުޑަ އަނިޔާއެއް ދިނުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.

އެ ނުރައްކާތެރި ޙަމަލާއާ ގުޅިގެން، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، މިހާރުގެ ސަލާމަތީ ޙާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވިއިރު 400 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން މިއަދު ވަނީ އުފުލާފައެވެ.

ލަންކާގައި ބޮމުގެ ހަމަލާތަށް ދީފައިވާ ތަންތަނުގެ ތެރޭގައި ލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެ ޗާޗުގެ އިތުރުން ޝަންގްރިއްލާ ހޮޓަލާއި ސިނަމަން ގްރޭންޑް ހޮޓެލަކަށާއި ދެހިވަލާގެ ސަރަހައްދެއް ހިމެނެއެވެ.

ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު، މި ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ 30 މީހަކު ހައްޔަރުކޮށްފައެވެ. އަދި ރޭ 12 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އިއުލާންކޮށްފައެވެ.