Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޔާމީން، ޕީއެންސީގެ ލީޑަޝިޕާއި ބައްދަލުކުރައްވައިފި

ޔާމީން ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ބައްދަލުކުރައްވަނީ - ފޮޓޯ: އަހުމަދު ނިހާން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަޝިޕްގެ އެކި މަގާމުތަކަށް އިއްޔެ ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި އިންތިހާބުވި ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ޕީއެންސީ އަކީ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެގޮތުން އެ ޕާޓީ އުފެއްދެވީ ޔާމީންގެ އަތުން ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވުމާ ގުޅިގެންނެވެ. އެގޮތުން އެ ޕާޓީގެ ރައީސަކީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

މިއަދުގެ ބައްދަލުވުމަށްފަހު ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައިވާ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމަކީ ޕީއެންސީގެ އައު ލީޑަޝިޕަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޔާމީން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އަދި ޕީއެންސީ ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރިވި އިދިކޮޅު ޕާޓީއަށް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސަކަށް އަދުރޭ އިންތިހާބުވިއިރު އެ ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް އިންތިހާބުވީ ނިހާންގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ލަންކާގެ ކުރީގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އެވެ.

ޕީއެންސީގެ ކޮންގްރެސްގައި ތަފާތު އެކި މަގާމުތަކަށް 139 މަންދޫބަކު ވަނީ ވޯޓު ލާފައެވެ.