Last Updated: April 25, 17:37
Thursday, April 25, 2024
ޚަބަރު

މިވަގުތު އެންމެ މުހިންމީ މުގައްރަރު އިސްލާހުކުރުން: ނަޝީދު

މިވަގުތު އެންމެ މުހިއްމީ ރާއްޖޭގެ ސްކޫލްތަކުގެ މުގައްރަރު އިސްލާޙުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ޓެގު ކުރައްވާ ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނުގެ ނަމުގައި ހިނގަމުންދާ ކަންކަމަށް ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ.

"މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާ ފަދަ ވާހަކަތައް މާގިނަ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިކަމަށް ގޮވާލާފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ރާއްޖެއާ އަވަށްޓެރި ސްރީލަންކާ އަށް ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ޖަމާއަތަކުން ވަނީ ޓެރަރިސްޓު ހަމަލާއެއް ދީފައެވެ. އެ ހަމަލާގައި 253 މީހުން މަރުވިއިރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތަށް ލިބިގެން ގޮސްފައެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ރާއްޖޭގައި ވެސް އުޅެމުންދާ ކަމުގެ ވާހަކަތަށް ފެތުރިފައިވާއިރު ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހީން ވަނީ ފާއިތުވި އަހަރުތަކުގައި އެގައުމަށް ގޮސްފައެވެ.

އަދި އޭގެތެރެއިން ބައެއް މީހުން މިހާރު އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ކަމަށް ވެސް ދާދިފަހުން ވަނީ ހަބަރު ފެތުރިފައެވެ.