Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

ދެ ދިވެހިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ސްރީލަންކާގައި ހައްޔަރުކުރި ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ދެ މީހުންގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖަހާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެފަހަރު ޖެހި ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ފަހުން ވަނީ އަނެއްކާވެސް ބަންދަށް ހަތް ދުވަސް ޖަހާފައެވެ. އަދި މިފަހަރު އެމީހުންގެ ބަންދަށް ލަންކާ ކޯޓުން އިތުރުކުރީ ތިން ދުވަހެވެ.

އެ ދެ މީހުން ހައްޔަރުކުރީ އެމީހުން ދިރިއުޅޭ ގެއިން އައިއެސް ޖަމާއަތާ ގުޅުންހުރި ފޮތެއް ފެނުމާ ގުޅިގެންނެވެ.

މިދިޔަ މަހުގެ ފަހުކޮޅު ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ ވެސް އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ. އެ ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެ ހަމަލާއަށްފަހު ލަންކާގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިޥާއިރު، ހަމަލާއާ ގުޅުންހުރި މީހުން ހޯދުމަށް ފުލުހުން އަންނަނީ ވަކިވަކިން ގެތައް ވެސް ބަލައި ފާސްކުރަމުންނެވެ.