Last Updated: April 23, 20:04
Tuesday, April 23, 2024
ސިޔާސީ

އިންޑިއާ ރާއްޖޭގެ ގުޅުން މިހާރު އޮތީ އެހެން ދަރަޖައެއްގައި: ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް އާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ

އިންޑިއާއާ ރާއްޖޭއާ ދެމެދު އޮތް ގުޅުން މުޅިން އެހެން ދަރަޖައަކަށް އުފުލިފައިވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ ގުޅުން އިހުނަށްވުރެ ބޮޑަށް ހަރުދަނާވެ، އެންމެންގެ ސަލާމަތާ، ރައްކާތެރިކަމާ އަދި ކުރިއެރުން ވެސް ގުޅިފައިވާކަން ދެ ޤައުމުންވެސް ޤަބޫލުކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިހްތިރާމުވެސް ކުރިއަށްވުރެ މިހާރު ބޮޑު ކަމަށެވެ.

ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ އެފަދަ ނުރައްކާތެރި ހަމަލާތަކުން ސަލާމަތް ވެވޭނީ ޤައުމުތަކުގައި ހުރި ޚިޔާލު ތަފާތުވުންތައް ނައްތާލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން އަބަދުވެސް ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ. ޝާހިދު ވިދާޅުވީ އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވެވޭނެ ކަމަށެވެ.

ކޯލިޝަންގެ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ސުވާލު ކުރެއްވުން ޝާހިދު ވިދާޅުވީ މީގެކުރިން ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުރިން ހެދުނު ގޯސްތައް ތަކުރާރުވިޔަ ނުދިނުމުގެ ޤާބިލުކަން ސަރުކާރު ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ފަސް އަހަރު ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.