Last Updated: April 25, 18:52
Thursday, April 25, 2024
ސިޔާސީ

ބޮޑު ޚިޔާނާތާއި ގުޅޭގޮތުން އަދުރޭއާ އަލީ އާރިފް ވާހަކަ ދެއްކީ ސިޔާސީ ގޮތުން: އޭސީސީ

އަބްދުއްރަހީމް އަދި އަލީ އާރިފް --

މިދިޔަ ފެބްރުއަރީ މަހުގެ 18 ދުވަހު އިދިކޮޅު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިމެނިވަޑައިގެންނެވި ދެބޭފުޅަކު އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި ދެއްކެވި އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފިއެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިވަނީ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއާ ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފެވެ.

އެ ބައްދަލުވުމުގައި މި ދެބޭފުޅުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި މީހުންނާއި ފައިސާ ހަވާލުކުރި ފަރާތްތައް އެނގޭފަދަ މޭރުމަކުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެހެންކަމުން އެ ދެބޭފުޅުން އޭސީސީއަށް ހާޒިރު ކުރުމަށްފަހު ސުވާލު ކުރުމުން އޭސީސީން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އެ ދެބޭފުޅުން ވާހަކަ ދައްކަވާފައިވަނީ ސިޔާސީ ގޮތުން ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެ ދެބޭފުޅުން އޭސީސީއަށް ދެއްވާފައިވާ ބަޔާޏުގައި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ ކޮން ބަޔަކަށްކަމެއް އަދި އެ ފައިސާ ކަނޑައެޅިގެން ވަކި ބަޔަކަށް ލިބުނުކަމެއް ވެސް އެ ފަރާތަށް ނޭނގޭ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ، ސިޔާސީ ގޮތުން ދައްކާފައިވާ ވާހަކައެއް ކަމަށާއި، އާންމުކޮށް ސިޔާސީ މަޝްރަޙުގައި އެހެން މީހުން ވެސް ވާހަކަ ދައްކަނީ ޙަޤީޤަތް ބަލައިގެން ނޫންކަމަށާއި ސިޔާސީގޮތުން އެ ވަގުތެއްގައި ދައްކަން ބޭނުން ވާހަކައެއް ދައްކާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާ ބެހި ވާހަކަ އެ މެމްބަރަށް އަޑުއިވުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށާއި، އެ ވާހަކަ ދެއްކީ ސީދާ ކާކުކަމެއް ނުވަތަ ވާހަކަ ދެއްކި އިރު ސީދާ ވަކި މީހަކަށް ފައިސާ ލިބުނުކަމެއް ފާހަގަކުރިކަމެއް ބުނެދޭކަށް ނޭނގޭ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން މި ކޮމިޝަނުގެ ތަޙުޤީޤަށް ޙާޒިރުކުރެވުނު ދެވަނަ ފަރާތުން ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ މެންބަރުންނަން ވެސް ލިބުނުކަމަށާއި، ލިބުނީ ކިހާވަރެއްކަމާއި އެ ފަރާތްތަށް އެނގޭކަމަށް ދޭހަވާ މޭރުމުން އޭނާ ދައްކާފައިވާ ވާހަކަތަކަކީ އެ ފައިސާ ލިބުނު މީހުންނާއި އެ ފަރާތްތަކަށް ލިބުނީ ކިހާވަރެއްގެ ފައިސާއެއްކަން އެނގިގެން އޭނާ ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށާއި އެއީ އޭނާ ސިޔާސީގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެ ވާހަކައަކީ އެކިއެކި މީޑިޔާތަކުގައާއި އެކިއެކި މަރުޙަލާތަކުގައި މީހުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އޭނާ ދައްކާފައިވާ ވާކަތަކެއް ކަމަށާއި، އެއްވެސް މީހަކަށް އެ ފައިސާ ލިބުނުކަމަށް ބުނެ އެއްވެސް މީހަކު ވާހަކަ ދެއްކި އަޑެއް ވެސް އޭނާ ނާހާކަމަށެވެ." އޭސީސީގެ ބަޔާނުގައިވެއެވެ.

އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާރިފް ވިދާޅުވީ ބޮޑު ހިޔާނާތުގެ ފައިސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށްވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އަދުރޭ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު އެމްޑީޕީ މީހުންގެ ލިސްޓު އޭނާއަށް އެނގިލައްވާ ކަމަށެވެ.

އޭސީސީން ބުނީ ރާއްޖޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ޒިންމާދާރު މަގާމުތައް އަދާކުރަމުންދާ ފަރާތްތަކުން ސިޔާސީ މަޤުސަދުތަކެއް ޙާސިލްކުރުމުގެ ގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކަމުންދާކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިންވެސް އެފަދަ ބައެއް ވާހަކަތަކާ ގުޅިގެން ކޮމިޝަނަށް ޙާޒިރު ކުރެވުނު ބައެއް ފަރާތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެމެ، އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ހޯދުމެއްނެތި، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކާފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.