Last Updated: March 28, 18:00
Thursday, March 28, 2024
ކުޅިވަރު

އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯ އަށް

މި ސީޒަނުގެ އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެއެވެ.

ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި 33 މެޗު ކުޅެ 22 ގޯލު ކާމިޔާބުކޮށް 13 އެސިސްޓު ހަދާފައެވެ. އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ބާކީ އަދި ދެ މެޗު އެބައޮތެވެ.

މީގެއިތުރުން ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޔުވެންޓަސް އިން އިޓާލިއަން ލީގު ހޯދުމުގައި ވެސް ރޮނާލްޑޯގެ ދައުރު ބޮޑެވެ.

މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯ އަށް ލިބުނުއިރު އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ލިބުނީ އިންޓަ މިލާންގެ ކީޕަރު ސާމިރް ހެންޑޮނޮވިޗް އަށެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ނަޕޯލީ އަށް ކުޅެމުން އަންނަ ކަލިދޫ ކުލިބާލީ އަށް ލިބުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ލާޒިޔޯގެ މިލިންކޮވިޗް ސަވިޗްއެވެ.

އެންމެ މޮޅު ފޯވާޑުގެ މަގާމު ސަމްޕްޑޯރިއާގެ ތަޖުރިބާކާރު ފޯވާޑް ފަބިއޯ ކުއަގްލިއަރެއްލާ އަށް ލިބުނުއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ލިބުނީ ރޯމާ އަށް ކުޅެމުން އަންނަ ނިކޮލޯ ޒަނިއޯލޯ އަށެވެ.