Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހައްޖު މައްސަލައިގެ އަޑުއެހުންތައް ފަށައި، ލިޔެކިޔުންތައް ހުށަހަޅައިފި

ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް ހުއްދަ ދިން ގޮތާއި މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ހައްޖު އެންޑް އުމްރާއިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.

ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުންތައް ފަށާފައި މިވަނީ ދެފަރާތުގެ ދެމެދުގައި ސުލްހަވެރި ހައްލެއް ހޯދަން ކުރި މަސައްކަތުން ހައްލެއް ނުލިބުމުންނެވެ. އެގޮތުން މިއަދު ބޭއްވި މި މައްސަލައާއި ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ ފުރަތަމަ އަޑު އެހުމުގައި ވަނީ ދެ ފަރާތުގެ ލިޔެ ކިޔުންތައް ހުށަހަޅާފައެވެ.

ސިސިލްފަރުން ދައުވާ ކުރާ މައްސަލާގައި ބުނެފައިވަނީ ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިފައިވަނީ ކުންފުނިތަކަށް މައުލޫމާތު ދިން ގޮތާއި ހިލާފަށް ކަމަށެވެ. ސިސިލްފަރުން ހުށައެޅި މައްސަލާގައި އެދިފައިވަނި އިސްލާމިކް މިނިސްޓްރީންގެ ނިންމުން ބާތިލުކޮށް ދިނުމަށެވެ. އަދި އެ މައްސަލަ ކޯޓުން ނިމެންދެން، ޙައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ކަންކަން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހަ ކުންފުންޏަކަށެވެ. ސިސިލްފަރުން ވަނީ ވޭތުވެދިޔަ 35 އަހަރުވެސް ރާއްޖެއިން މީހުން ހައްޖަށާއި އުމްރާއަށް ގެންގޮސްދީފައެވެ. ސިސިލްފަރު ޖަމާއަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކުންފުނިތައް ހޮވުމުގައި އަމަލުކުރި އިވެލުއޭޝަން ސައްހަ ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

ޙައްޖަށް މީހުން ގެންދިއުމުގައި މާކްސް ދީފައިވަނީ އަގަށް 35 އިންސައްތައެވެ. ޚިދުމަތަށް 60 އިންސައްތަ އަދި ތަޖުރިބާއަށް 5 އިންސައްތައިގެ މަގުން މާކްސް ދީގެންނެވެ. އިވެލުއޭޝަންގައި، ތަޖުރިބާ އަށް ފަސް ޕަސެންޓު ކަނޑައަޅާފައިވާއިރު، ސިސިލްފަރަށް އެ ބައިން ލިބިފައިވަނީ 0.077 ޕަސެންޓް މާކުހެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ބޭނުންވާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 18 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވަނީ އެކްރޯ ހައްޖު ގްރޫޕާއި މިނާ ހައްޖު ގްރޫޕާއި އަލް ހަރަމައިން ހައްޖު ގްރޫޕާއި ޒައި ހައްޖު ގްރޫޕާއި ތަޒް ކިޔާ ހައްޖު ގްރޫޕަށެވެ.