Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ރައީސްގެ ތާއީދު އޮތް ބޭފުޅަކު މަޖިލީހުގެ ރައީސަކަށް ހޮވަން މަސައްކަތް ކުރާނަން: ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތާއީދުކުރައްވާ މެމްބަރަކު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް، އަދި ނައިބު ރައީސް އިންތިހާބުކުރާއިރު ރައީސް ސޯލިހު ތާއީދުކުރައްވާ ބޭފުޅަކު އިންތިހާބުކުރުމަށް ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އަދި ތިމަރަފުށީ ދާއިރާއަށް އުންމީދީ ބަދަލެއް ގެނެވެން އޮތީ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. ކުރިއަށް އޮތް މަޖިލީހުގައި ރިޔާޒު ފުރުއްވާނީ ތިމަރަފުށީ ދާއިރާގެ ގޮނޑި އެވެ.

އާ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވުމުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމަށް ވެސް ގެންނަން ނިންމާފައިވަނީ އެ ޕާޓީގެ މެމްބަރުންނެވެ.

އެގޮތުން މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަސް ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ. މީގެއިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ވެސް ވަނީ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

އާ މަޖިލިސް ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.