Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

މައްސަލަތަކުގެ ތަހުގީގު އަވަސްކޮށްދިނުމަށް ޝިދާތާ އެދިވަޑައިގެންފި

ޖެންޑާ މިިނިސްޓްރީއާ ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގުތައް އަވަސް ކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އެ މިނިސްޓްރީއާ ގުޅުން ހުރި ޙައްސާސީ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމާއި ދެ ފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއިރު، ފުލުހުންގެ ފަރާތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖެންޑާ މިނިސްޓްރީން ފުލުހުންނާ ބައްދަލުކޮށްފައިވާއިރު، އެ މިނިސްޓްރީން ދާދިފަހުން ވަނީ ށ.ފޭދޫގައި ނުކުޅެދުންތެރިކަން ހުރި އަންހެނަކަށް އަނިޔާކުރި މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައެވެ.

މިނިސްޓަރު ޝިދާތާ ވަނީ މި އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

ނުކުޅެދުންތެރިކަން ހުރި އެ އަންހެންމީހާގެ ބޮލަށް ގޯންޏެއް މަހައި ހޮޅިދަނޑިއެއްގައި އައްސާފައި ހުރި ފޮޓޯތައް ސޯޝަލް މީޑީޔާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

ށ ފޭދޫ ކައުންސިލުން ބައެއް މީޑީޔާތަކަށް މައުލޫމާތުދެމުން ބުނެފައި ވަނީ މިހާދިސާ ހިނގުމުގެ ކުރިންވެސް އެ އަންހެން މީހާގެ ހާލަތު ބަޔާންކޮށް ދައުލަތުގެ އެކި މުއައްސަސާތަކަށް ސިޓީތައް ހުށައަޅާފައިވާ ކަމަށެވެ.