Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އައްޑޫގައި ކަދުރު ބަހަން ފަށާނީ އަންނަ ހޯމަ ދުވަހު

ސައުދީން ރާއްޖެއަށް ހަަދިޔާކުރި ކަދުރުގެ ތެރެއިން އައްޑޫ ސިޓީގެ ރައްޔިތުންނަށް ބަހަން ހަމަޖައްސާފައިވާ ބައި އަންނަ ހޯމަ ދުވަހު ބަހާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ ސިޓީއާއި، އައްޑޫސިޓީއާއި، ފުވައްމުލަކުސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބެއްސެވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހަމަޖައްސަވާފައިވަނީ، މީހުން ދިރިއުޅޭ ގޭބިސީ ބެލުމަށްފަހު، މިދިޔަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރުދޭ އުސޫލުން ކަމަށެވެ.

މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީވާ ކަދުރުބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކަމަށާއި އެގޮތުން ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރު ކަމަށް ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީގެ ގޭބިސީގެ ޢަދަދަކީ 5346 އެވެ. އައްޑޫސިޓީ ރައްޔިތުންނަށް ބެހުމަށް ލިބިފައިވަނީ 2675 ޕަކެޓް ކަދުރު ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

މީގެ އިތުރަުން ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ސައްހަކަށް އަންގައިދޭ ލިޔުމެއް ހިފައިގެން އައުމުން ކަމަށާއި އެގޮތުން ގޭބިސީއެއްގެ ސައްހަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލަށް ކަމަށް ވެސް ބުނެފައިވެއެވެ.

އައްޑޫގައި ކަދުރު ބެހުން ކުރިއަށްދާނީ އަވަށު އޮފީސްތަކުންނެވެ. ކަދުރު ބަހަންފަށާނީ 27 މެއި 2019 ވަނަ ދުވަހުން ފެށިގެންނެވެ. ކަދުރު ބެހުމުގެ އިންތިޒާމް އަވަށު އޮފީސްތަކުގައި ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9.15 އިން 13.00އަށެވެ.