Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު އެޑަން ހަޒާޑު

ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ

ޗެލްސީ އަށް ކުޅެމުން އައި ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ހަޒާޑް ރެއާލް އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހު ހަޒާޑް ދައްކާލާނެ ކަމަށް އެ ކްލަބުން ބުނެއެވެ.

ހަޒާޑް ރެއާލް އަށް ބަދަލުވިއިރު އޭނާ ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތެވެ. މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް ހަޒާޑް ރެއާލް އަށް ބަދަލުވުމުގެ ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޭނާ ވިއްކާލަން އޭރު ޗެލްސީން ވަނީ ދެކޮޅު ހަދާފައެވެ.

ހަޒާޑް ރެއާލް އަށް ބަދަލުވިއިރު ފީފާ އިން ކުޅުންތެރިން ނުގެނެވޭ ގޮތަށް ޗެލްސީ އަށް ދީފައިވާ އަދަބުގެ ސަބަބުން އޭނާގެ ބަދަލުގައި އިތުރު ކުޅުންތެރިއަކު ގެނައުމުގެ ފުރުސަތު ޗެލްސީ އަށް މިވަގުތު ވަނީ ބަންދުވެފައެވެ.

2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑް ވަނީ އެ ކްލަބަށް 352 މެޗު ކުޅެދީ 110 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ ޗެލްސީއާއެކު ދެ ޕްރިމިއާ ލީގާއި، ދެ ޔޫރޮޕާ ލީގުގެ އިތުރުން އިނގިރޭސި އެފްއޭ ކަޕަކާއި އިނގިރޭސި ލީގު ކަޕެއް ކާމިޔާބުކޮށްފައެވެ.

ހަޒާޑްގެ އިތުރުން ރެއާލް އިން ވަނީ އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން މިދިޔަ ސީޒަނުގައި ފްރެންކްފާޓްގައި މޮޅު ކުޅުމެއް ދެއްކި ސާބިއާގެ ފޯވާޑް ލޫކަ ޖޮވިޗް ވެސް އެ ކްލަބަށް ގެންގޮސްފައެވެ.