Last Updated: April 19, 17:23
Friday, April 19, 2024
ކުޅިވަރު

ތުރުކީ އަތުން ފްރާންސް ބަލިވެއްޖެ

އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ރޭ ތުރުކީން ފްރާންސްގެ މައްޗަށް 2-0 އިން ކުރި ހޯދައިފިއެވެ.

މި ނަތީޖާއާއެކު ތުރުކީ މިހާރު އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައި ނުވަ ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ފްރާންސް އާއި ތިންވަނައިގައި އޮތް އައިސްލޭންޑަށް ވެސް ހަ ޕޮއިންޓު ލިބިފައިވާއިރު ފްރާންސަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ތުރުކީގެ ފަރާތުން ރަނގަޅުު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު، މެޗުގެ 30 ވަނަ މިިނެޓްގައި ކާން އާހާން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި ފްރާންސްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 40 ވަނަ މިނެޓްގައި ސެންގިޒް އުންޑާ ވަނީ ތުރުކީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތުރުކީން ތަނަވަސްކުރިއިރު، ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސްގެ ފަރާތުން މި މެޗުގައި ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން މުޅި މެޗުގައި ވެސް ފްރާންސަށް ވަނީ ތުރުކީގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ކޮލިފިކޭޝަންގެ ހަތަރުވަނަ މެޗުގައި ފްރާންސް ނިކުންނާނީ އެންޑޯރާއާ ދެކޮޅަށެވެ. އަދި ތުރުކީން ނިކުންނާނީ އައިސްލޭންޑާއި ދެކޮޅަށެވެ.