Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ބޮޑު ވަޒީރު މޯދީ ލަންކާ އަށް ވަޑައިގެންފި

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ސްރީލަންކާ އަށް ވަޑައިގެންފިއެވެ.

ބޮޑުވަޒީރު މޯދީ އަށް ލަންކާ އެއާޕޯޓުން މަރުހަބާ ދެންނެވީ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައެވެ.

ލަންކާ އަށް ވަޑައިގެންނެވުމަށްފަހު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ފާއިތުވި ހަތަރު އަހަރުތެރޭ ލަންކާ އަށް ކުރައްވާ ތިންވަނަ ދަތުރުފުޅު ކަމަށާއި ދެންނެވި މަރުހަބާ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

މޯދީގެ މި ދަތުރުފުޅުގައި ލަންކާގެ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލްގެ އިތުރުން އެގައުމުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ލަންކާގެ ވެރިރަށް ކޮލަމްބޯގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ވެސް މި ދަތުރުފުޅުގައި މޯދީ ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެވުމަށްފަހު މިއަދު ހަވީރުގެ ވަގުތެއްގައި މޯދީ އެނބުރި އިންޑިޔާ އަށް ވަޑައިގަންނަވާނެއެވެ.

މޯދީ އަކީ މިދިޔަ އޭޕްރީލް މަހު ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމަށް ވަޑައިގެންނެވި ގައުމެއްގެ އެންމެ އިސް ލީޑަރެވެ. އެ ހަމަލާތަކުގައި 250 މީހުން ވަނީ މަރުވެފައެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް  އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ދެވަނަ ދަތުރުފުޅުގައި މޯދީ ލަންކާ އަށް ވަޑައިގެންނެވިއިރު ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ރާއްޖެ އަށެވެ.