Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރު ނުވާނަމަ މުސާރަ ނުލިބޭގޮތް ހަދަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޤަވައިދަށް އިސްލާހު ހުށައެޅުމަށް މަޖިލީހުން ހުޅުވާލި ފުރުސަތުގައި އަދާލަތު ޕާޓީއިން މަޖިލީހުގެ ޤަވައިދަށް އިސްލާހުތަކެއް ހުށައަޅައިފިއެވެ.

އަދާލަތު ޕާޓީން ބުނީ އިސްލާހުތައް ހުށައެޅީ މައިގަނޑު ތިން އަމާޒެއް ހާސިލްކުރުމަށް ކަމަށެވެ. އެއީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށް އަދާލަތުން ބުނެއެވެ.

އެގޮތުން އަދާލަތުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިނގަމުންދާ މަޖިލީހެއްގެ މުސާރަ އެ މަޖިލީހަށް ބަދަލު ނުކުރެވޭ ގޮތް ހެދުމާއި، އެ މަހެއްގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރު ނުވެއްޖެނަމަ މުސާރަ ނުލިބޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

އަދި ކޮމިޓީ އެލަވެންސް ލިބޭނީ އެ މަހެއްގައި މަދުވެގެން ކޮމިޓީގެ ތިން ބައްދަލުވުން ބާއްވާ، އޭގެތެރެއިން ދެބައިކުޅައެއްބައި ބައްދަލުވުމަށް ހާޒިރުވުމުން ކަމާއި، ވިދިވިދިގެން ތިން ކޮމިޓީ ބައްދަލުވުމަށް މެމްބަރަކު ހާޒިރު ނުވެއްޖެނަމަ ކޮމިޓީން އެ މެމްބަރަކު ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވެސް އަދާލަތުން ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން މަޖިލީހުގެ ދައުރު ފެށޭ އަދި ނިމޭ ތާރީހުތައް ބަދަލުކޮށް، ޗުއްޓީ ތިން މަހާއި 10 ދުވަހުން (100 ދުވަސް) ދެ މަސް ދުވަހަށް (60 ދުވަސް) ކުޑަކުރުމަށް ވެސް އަދާލަތުން ވަނީ ހުށަހަޅާފައެވެ.

އަދި މެމްބަރުންގެ މާލީ ބަޔާންތައް އާއްމުކުރަން ލާޒިމު ކުރުމާއި، މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން މެދުވެރިނުކޮށް އާއްމުންނަށް ޕެޓިޝަން ހުށަހެޅޭ ގޮތް ހެދުމާއި، 1500 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅައިފިނަމަ މަޖިލީހުގެ ތަޅުމުގައި އެ ޕެޓިޝަނަކާއި މެދު ބަހުސް ކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ވެސް ވަނީ ހުށަހަޅާފައެވެ.