Last Updated: April 24, 09:02
Wednesday, April 24, 2024
ވިޔަފާރި

އިމްޕޯޓާއި އެކްސްޕޯޓް އަދި އާމްދަނީ ވެސް އިތުރުވެއްޖެ

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ މޭއި މަހު ރާއްޖެއަށް އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވެ، ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސް ހިސާބުގައި ބުނެފައިވާ ގޮތުން، 2018 ވަނަ އަހަރުގެ މޭއި މަހު 236 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއަހަރުގެ މޭއި މަހު މި އަދަދުވަނީ 271 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކުރީ އަހަރުގެ މޭއި މަހާ އަޅާބަލާއިރު 35 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފާއިތުވި މޭއި މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ މޭއި މަހާ އަޅާބަލާއިރު، 4 އިންސައްތަ އިތުރުވެފައިވާކަމަށް ވެސް ކަސްޓަމްްސްއިން ބުނެއެވެ.

2018 ވަނަ އަހަރުގެ މޭއި މަހު ރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ މޭއި މަހު މި އަދަދުވަނީ 3.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކުރީ އަހަރުގެ މޭއި މަހާ އަޅަބަލާއިރު 0.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ކުރީއަހަރުގެ މޭއި މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރެވުނު މުދަލުގެ އަގަށް 205 މިލިއަން ރުފިޔާއަރާއިރު، މިއަހަރުގެ މޭއި މަހު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގަށް 232 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ ކުރީ އަހަރުގެ މޭއި މަހާ އަޅާބަލާއިރު 13 އިންސައްތަ އިތުރު އަދަދެކެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 22 އިންސައްތަ ޗައިނާއިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 21 އިންސައްތަ އަދި ސިންގަޕޫރުން 12 އިންސައްތަ މުދާވަނީ އެތެރެކޮށްފައިކަމަށް ކަސްޓަމްސްއިން ބުނެއެެވެ.

ވޭތުވެދިޔަ މޭއި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނަޔަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ އޫ.އޭ.އީ އިންނެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. އަދި ދެވަނަޔަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ.