Last Updated: August 23, 11:33
Friday, August 23, 2019
ޚަބަރު

ބޭސްފަރުވާ އަށް އަދީބު ދަނީ އިންޑިޔާ އަށް

ބޭސްފަރުވާ އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދަނީ އިންޑިޔާ އަށް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 70 ވަނަ މާއްދާގެ ދަށުން، ހަމަ އެ ގާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކުރާ މެޑިކަލް ބޯޑުން އަދީބު ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

"މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިޔާ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ބައިވެރިވާނެއެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދީބު ރާއްޖެ އިން ބޭރަށް ފޮނުވި ނަމަވެސް އެކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްނޭޅޭނެ ކަމާއި، އިންސާފުގެ ކުރިމައްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ވިޔަނުދިނުމަށްޓަކާ އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ އަދީބަށް ދީފައިވާއިރު އެކި މައްސަލަތަކުގައި އޭނާއަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރުވަނީ ބާތިލުވެފައެވެ. އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓު ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

ބޭސްފަރުވާ އަށް ދިޔުމުގެ ހުއްދަ އަށް އަދީބުގެ ފަރާތުން މީގެކުރިން އެދުނު ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިފިނަމަ ފިލާނެ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އަދީބަށް ރާއްޖެ އިން ބޭރަށް ދެވޭނީ ދައުލަތުން ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ.