Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އަދީބު ބޭރަށް ފޮނުވިޔަސް އިންސާފުގެ ކުރިމައްޗައް ގެންނަން ހުރަހެއް ނޭޅޭނެ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: އައްޑޫ ލައިވް

އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ކަށަވަރުކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވިކަމުގައިވިޔަސް އިންސާފުގެ ކުރިމަށްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ އެއްވެސްކަމެއް ވިޔަނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެެވެ.

ހޯމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އަހުމަދު އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުންވެސް އިތުރުގޮތެއް ނުފެނުމުން ރާއްޖެއިން ބޭރަށް އޭނާ ފޮނުވާލަންޖެހޭ ކަމަށެވެ.

އަދި އޭގެ ސަބަބުން އަދުލުއިންސާފު ގާއިމުކުރުމުގައި އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި އަދި އިންސާފުގެ ކުރިމަށްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ އެއްވެސްކަމެއް ވިޔަނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމުގެ ޔަގީންކަންދޭކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން އަދީބަށް ފަރުވާ ދެވެން ނެތުމުން، ކަމާގުޅުންހުރި ސިއްހީ މާހިރުންގެ ލަފާގެމަތިން، ޤާނޫނު ނަންބަރު 2013/14 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 70 ވަނަ މާއްދާގެ ދަށުން ހަމަ އެ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކުރާ މެޑިކަލް ބޯޑުން، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމުމާގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ވަނީ ހަމަޖައްސާފައި ކަމަށެވެ.

އަދި މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ބައިވެރިވާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.