Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

22 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކޮށްފި

ސަރުކާރުގެ ސްކޫލްތަކުގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށާއި، ވަށާޖެހޭ ތަޢުލީމެއް ދަރިވަރުންނަށް
ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި ރާއްޖޭގެ 22 ސްކޫލެއްގައި އެއްދަންފަޅިއަށް
ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް އިއްޔެ ފައްޓަވައިފިއެވެ.

ދަރިވަރުންނަކީ ހަމައެކަނި ފޮތުގައި ހުންނަ ފިލާވަޅު ހިތުންދަސްކުރާ ކުދިބަޔަކަށް ހެދުމުގެ ބަދަލުގައި
ދިރިއުޅުމަށް ތައްޔާރުވެފައިވާ ހުނަރުވެރި ދަރިވަރުންތަކަކަށް ހެދުމަކީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ
މުހިއްމު އެއްކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެހެން ކަމުން ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމުން ސްކޫލް ސެޝަންގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިދެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި ސްކޫލް ގަޑިއަށްފަހު އެހެން ގަޑިތަކުގައި ސްކޫލަށް އައުން ހުއްޓި ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އާއިލާތަކާއެކު ހޭދަކުރަންޖެހޭ ވަގުތު އިތުރު ވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޕައިލެޓް ޕްރޮޖެކްޓްގައި، އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ސެޝަންތައް ފެށެނީ ހެނދުނު 6
ޖަހާއިރުއެވެ. ހެނދުނު 6 ޖަހާއިރު ސްކޫލަށް ހާޒިރުވާ ދަރިވަރުން ކަސްރަތާއި ކުޅިވަރުގެ ޙަރަކާތްތަކުގައި 1
ގަޑިއިރު ސްކޫލުން ކަނޑައަޅާތަނެއްގައި މުދައްރިސުންގެ ބެލުމުގެ ދަށުން ހޭދަކުރުމަށްފަހު 7 ޖަހާއިރު ގެއަށް
ދާނެއެވެ. އެއަށްފަހު ދަރިވަރުން ސްކޫލަށް ހާޒިރު ވާނީ ހެނދުނު 8 ޖަހާއިރުއެވެ. ސްކޫލުގެ ފިލާވަޅުތައް ފެށެނީ 8 ޖަހާއިރު ހެނދުނު ނާސްތާއަށް ފަހުގައެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި މަދަރުސާތައް އެއްދަންފަޅިއަށް ހިންގުމުން އެތައް ފައިދާތަކެއް ދަރިވަރުންނަށާއި މަދަރުސާގެ މުވައްޒަފުންނަށް ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މަދަރުސާގައިވާ ވަސީލަތްތަކާއި ތަކެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށާއި، ޓައިމްޓޭބަލް ކުރުމުގައި ފަސޭހަވެ، ކަނޑައެޅިފައިވާ މާއްދާތައް ހަމައެކަނި ފޮތުން ކިޔެވުމުގެ ބަދަލުގައި ތަފާތު އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ ތަފާތު ހުނަރުތައް ތަރައްޤީ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.

ހަމަ އެހެންމެ ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ސިފަތައް ލިބި، އިޖުތިމާޢީ ގުޅުންތައް ބަދަހި ކުރުމުގެ އިތުރުން، ކިޔެވުމުގައި އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެކަމުގެ މަގު ފަހިކޮށްދިނުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެއް ދަންފަޅިއަށް ކިޔަވައިދިނުމަކީ ކްލާސްރޫމްގެ ބޭރުގައި އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވާނެ ނިޒާމަކަށް ވުމާއެކު، ދޭދޭ މުވައްޒަފުންގެ މެދުގައާއި މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިވެ މުދައްރިސުންނަށް ފިލާވަޅުތަކާބެހޭ ގޮތުން ޚިޔާލު ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެއްދަންފަޅިއަށް މަދަރުސާތަކުގެ ހިންގުން ބަދަލުކޮށް ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަށް ކަނޑައަޅައި ފަރުމާ ކޮށްފައިވާ ނިޒާމަކީ، ދަރިވަރުންގެ ފިކުރީ، ޖަޒުބާތީ، އިޖްތިމާޢީ، ޖިސްމާނީ އަދި ރޫހާނީ ކަންކަން ރަނގަޅު ކުރުމަށް އަމާޒު ކޮށްފައިވާ ނިޒާމެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގެ ތަފާތު ޤައުމުތައް ތަޖުރިބާކޮށް އޭގެ ފައިދާތައް ކަށަވަރުކޮށްފައިވާ ހަރުދަނާ ނިޒާމެއްކަމަށާއި، މިފަދަ ނިޒާމެއްގެ ތެރެއިން ދަސްވެނިވާ ދަރިވަރުންނަކީ އިސްލާމީ ޢަޤީދާގެ މަތީގައި ސާބިތުވެތިބި، ދިވެހިވަންތަ ސިފަތަކުން މުއްސަނދިވެފައިވާ، ޚުލްޤު ހެޔޮ ބައަކަށް ވާނެކަމަށެވެ.