Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

"ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި"

ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ޖުޑީޝަލް ކައުންސިލުން ނިންމާ، އެ ޖަމިއްޔާ އުފެއްދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ޔޫތް މިނިސްޓްރީ އަށް ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މަހުލޫފް ވިދާޅުވީ ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއެކު، މި މައްސަލައާ މެދު ގޮތެއް ނިންމާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ފަނޑިޔާރުންގެ ޤާނޫނުގެ 10ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމްޢިއްޔާ ހެދުމުގެ ޙައްޤުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.

އަދި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ވެސް ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޑީޖޭއޭ އިން ބުނެއެވެ.