Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

24 ގަޑިއިރު އަދީބުގެ ހަރަކާތްތައް އޮފިސަރުން ބަލާނެ: ސީޕީ

ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ބޭސްފަރުވާ އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރުގައި ހުންނަވާއިރު އޭނާގެ ހަރަކާތްތައް 24 ގަޑިއިރު ފުލުހުންގެ އޮފިސަރުން ބަލަމުންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ބޭސްފަރުވާ އަށް ދިޔުމުގެ ހުއްދަ ކަރެކްޝަންސް އިން އަދީބަށް ދީފައިވާއިރު، އަދީބު ދިޔުމަށް ހަމަޖެހިފައިވަނީ އިންޑިޔާ އަށެވެ. އެގޮތުން އަދީބު އަންނަ ހުކުރު ދުވަހު އިންޑިޔާ އަށް ދިޔުމަށް ފުރާނެއެވެ.

މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ 24 ގަޑިއިރު އަދީބުގެ ހަރަކާތްތައް ބެލޭނެ އިންތިޒާމު ގާއިމުކުރާނެ ކަމަށާއި އަދީބާއެކު ހަތް ފުލުހަކު ދަނީ ވެސް ސީދާ އެ ބޭނުމަށްޓަކާ ކަމަށެވެ.

"24 ގަޑިއިރު އެ ހުންނަވާ ހޮސްޕިޓަލެއް ނުވަތަ އެ ހުންނަވާ ހޮޓަލެއްގައި އެ ކަންކަން ބެލެހެއްޓިގެންދާނެ" ސީޕީ ހަމީދު ވިދާޅުވިއެވެ.

އިންޑިއާގައި ހުންނެވުމަށްފަހު އެ ގައުމުން ސިޔާސީ ހިމާޔަތް އަދީބު ހޯއްދަވައިގެން ފުލުހުންގެ ބެލުމުގެ ދަށުން ސަލާމަތްވުމުގެ ފުރުސަތު އޮތްތޯ އީސަ ސުވާލު ކުރެއްވުމުން ސީޕީ ވިދާޅުވީ މިހާތަނަށް ފެންނަން ހުރި ލިއުކިޔުންތަކުންނާއި ކުރެވިފައި ހުރި މުއާމަލާތްތަކުން އެފަދަ ފުރުސަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

ހުކުރު ދުވަހު އިންޑިއާ އަށް ވަޑައިގެންނެވުމަށްފަހު އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.