ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތުގެ ބައެއް އުނިކުރެއްވުމަށް ނިންމަވައިފިއެވެ.
އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ރައްޔިތުން މަޖިލީހުން ބުނީ ނަޝީދަށް ކުރީގެ ރައީސުންގެ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ ފައިސާގެ ތެރެއިން މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ ފައިސާއާ ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށް ދޭ ފައިސާ އުނި ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެއީ ޖުމްލަ 85،000 ރުފިޔާއެވެ.
އެ އިނާޔަތުގެ އިތުރުން ނަޝީދު ނަންގަވާނީ ސެކިއުރިޓީ އާއި އޮފީސް ހިންގުމަށް ދޫކުރާ ފައިސާ އެކަނި ކަމަށް މަޖިލީހުން ބުނެއެވެ. އޮފީސް ހިންގުމަށް 87،000 ރުފިޔާ ދެއެވެ. މި އިނާޔަތްތައް އުނި ކޮށްދެއްވުމަށް އެދި ނަޝީދުގެ ފަރާތުން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށްވެސް މަޖިލީހުން ބުނެއެވެ. ކުރީގެ ރައީސުންގެ ބައެއް ނަޝީދު އުނިކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭ އިނާޔަތުގެ ތެރެއިން ނަޝީދަށް ދެން ލިބިވަޑައިގަންނަވާނީ 160،000 ރުފިޔާއެވެ.
މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާ އިނާޔަތުގެ ގޮތުގައި ނަޝީދަށް މަހެއްގެ މައްޗަށް 73،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން ނަޝީދަށް މަހެއްގެ މައްޗަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.