Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެމްއާރްއެމް އުފެއްދުމުގެ އާ ހުއްދައެއް ޔުމްނާ އަށް

ޔުމްނާ މައުމޫން - ފޮޓޯ މިހާރު

ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވުމަށް ނިންމެވި ސިޔާސީ ޕާޓީ ކަމަށްވާ އެމްއާރްއެމް އުފެއްދުމުގެ އާ ހުއްދައެއް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މަޢުމޫނަށް ދެއްވައިފިއެވެ.

ބައެއް މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން އެމްއާރްއެމް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާ ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް ޢަބްދުލް އަލީމް ވިދާޅުވީ އެމްއާރްއެމް އުފެއްދުމަށް ކުރިން ދީފައިވާ ހުއްދަ މިދިޔަ މަހުގެ 19ގެ ކުރިން ބާތިލް ކުރުމަށްފަހު އަލުން އާ ހުއްދައެއް ދީފައިވާ ކަމަށެވެ.

އެ ހުއްދަ ލިބުނީ މިދިޔަ މަހުގެ 27ވަނަ ދުވަހު ކަމަށާއި އެ ހުއްދަ ދީފައިވަނީ ޔުމްނާއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަލީމް ވިދާޅުވީ އެމްއާރްއެމް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި ނަމަވެސް ދެން އެމްއާރްއެމް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާނީ ޔުމްނާއަށް ދީފައިވާ ހުއްދައިގެ ދަށުން ކަމަށެވެ.

މީގެކުރިން އެމްއާރްއެމް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙީމް ހަސަނަށެވެ. އަލީމް ވިދާޅުވީ އަލުން ހުއްދައެއް ހޯދަންޖެހުނީ ސަޕޯޓަރުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެއީ ކުރިން ރައީސް މަޢުމޫން އިސްވެ ހުންނަވައިގެން އުފެއްދި ޕީޕީއެމްއަށް ކަންތައް ދިމާވެގެން ދިޔަ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ ރައީސް މައުމޫންގެ ސަޕޯޓަރުން ބޭނުން ވަނީ ސިޔާސީ ޕާޓީއެއް އުފައްދާއިރު ރައީސް މައުމޫނާއި ގާތް ބޭފުޅެއް ނުވަތަ ގުޅުން އޮންނަ ބޭފުޅަކު ޕާޓީ އުފައްދަވަން ކަމަށެވެ.

އެމްއާރްއެމަށް މެންބަރުން ހަމަކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން އަލީމް ވިދާޅުވީ މެންބަރުން ހަމަ ކުރުމުގެ މަސައްކަތަށް މަޑުޖެހުމެއް އައީ ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ރަމަޟާން މަހާއި ދިމާވުމުން ކަމަށެވެ.