Last Updated: April 20, 09:23
Saturday, April 20, 2024
ޚަބަރު

އަދީބު އިންޑިޔާ އަށް ފުރާވަޑައިގެންފި

ބޭސްފަރުވާ އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިޔާ އަށް ފުރާވަޑައިގެންފިއެވެ.

އަދީބު އިންޑިޔާ އަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދީބު އާއެކު އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވެސް އިންޑިޔާ ގޮސްފައިވެއެވެ.

ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ އަދީބަށް ކަރެކްޝަނަލް ސާވިސް އިން ދީފައިވަނީ މި ހަފްތާ ތެރޭގައެވެ. އަދީބު އިންޑިޔާ އަށް ގޮސްފައިވަނީ ފުލުުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންގެ ބެލުމުގެ ދަށުންނެވެ.

ބޭސްފަރުވާ އަށްފަހު އަދީބު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ އިންޑިޔާ އަށް އަދީބު ވަޑައިގެންނެވި ނަމަވެސް ފިލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމުގެ ޔަގީން އަރުވާފައެވެ. އެގޮތުން އަދީބުގެ ހަރަކާތްތައް 24 ގަޑިއިރު އޮފިސަރުން ބަލާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

"24 ގަޑިއިރު އެ ހުންނަވާ ހޮސްޕިޓަލެއް ނުވަތަ އެ ހުންނަވާ ހޮޓަލެއްގައި އެ ކަންކަން ބެލެހެއްޓިގެންދާނެ" ސީޕީ ހަމީދު ވިދާޅުވިއެވެ.

ބޭސްފަރުވާ އަށް ދިޔުމުގެ ހުއްދަ އަށް އަދީބުގެ ފަރާތުން މީގެކުރިން އެދުނު ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިފިނަމަ ފިލާނެ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އަދީބަށް ރާއްޖެ އިން ބޭރަށް ދެވޭނީ ދައުލަތުން ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ.