Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

ނައިބު ރައީސާއެކު އެމްޑީޕީގެ އިސްވެރިން ލަންކާ އަށް

ނައިބު ރައީސް ފައިސަލް ނަސީމްއާއެކު އެމްޑީޕީގެ އިސްވެރިން ސްރީލަންކާ އަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

އެމްޑީޕީން ބުނީ މިއީ ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މާދަމާ ލަންކާގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން އެމްޑީޕީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ ލަންކާ އަކީ އެކި ދާއިރާތަކުގެ ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށްވާއިރު، އެ ގައުމަކީ އެމްޑީޕީ އަށް އެންމެ ބޭނުންވި ދުވަހު ވެސް އެހީތެރިކަން ފޯރުކޮށްދިން ގައުމު ކަމަށެވެ.

އެގޮތުން މިދިޔަ ސަރުކާރުގައި ނަޝީދު ބޭރަށް އަރުވާލެވިގެން ހުންނެވިއިރު އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީން އަބަދުވެސް ލަންކާ އާއެކު ދެމި އޮންނާނެ ކަމަށާއި، އެގައުމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެމްޑީޕީގެ އެ ބަޔާނުގައި ބުނެފައިވެއެވެ.