Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ވަކި ޕާޓީއެއްގެ އެކްޓިވިސްޓެއް ގޮތަށް އޭޖީ ތަމްސީލުވެގެން ނުވާނެ: ޖަމީލު

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ވަކި ޕާޓީއެއްގެ އެކްޓިވިސްޓެއް ގޮތަށް ދައުލަތުގެ ބަންޑާރަ ނައިބު ތަމްސީލު ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ގައުމުގެ މުޅި ދުސްތޫރީ ނިޒާމަކީ ރައްޔިތުންގެ މިލްކެއް ކަމަށާއި މޮޑޭ ފުށްގަނޑެއް ގޮތަށް އެ އިރަކު ހުންނަ ބަންޑާރަ ނައިބު އިސްވެ ހުރެ ކޯޓުތަކަށް ގޮންޖައްސަވައި ބޭނުން ގޮތެއް ހައްދަވައިގެން ނުވާނެ ކަމަށެވެ.

އަދި ގާނޫނު ނެގެހެއްޓުމުގައި މިހާރުގެ ބަންޑާރަ ނައިބު ވެސް ފާޅުގައި އިހުމާލުވުމަކީ ބޮޑު މައްސަލައެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

މީގެއިތުރުން ޖަމީލު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ކޯޓުތަކާއި އެ ތަންތަނުގެ ހުކުމްތަކާއި ގާނޫނު އަސާސީން ހިމާޔަތް ދީފައިވާ ޖުޑީޝަރީ އަދި ކޮންމެ ރައްޔިތެއްގެ ހައްގުގައި ވަކާލާތު ކުރުމަކީ ބަންޑާރަ ނައިބުގެ ޒިންމާއެއް ކަމަށެވެ. އަދި ބަންޑާރަ ނައިބަކީ ވަކި ޕާޓީއެއްގެ އެކްޓިވިސްޓެއް ގޮތަށް ތަމްސީލު ވެގެންނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://twitter.com/MJameelAhmed/status/1139474856502632449

ކޯޓުތަކުގެ ހައްގުގައި ބަންޑާރަ ނައިބު ވަކާލާތު ކުރައްވަންޖެހޭ ކަމަށް ޖަމީލު ވިދާޅުވިއިރު، މި ސަރުކާރު ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ހުރަސް އެޅުން ހުއްޓުވައި ދޭން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކިބައިން ރޭ އެދިވަޑައިގެންފައެވެ.

މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި ރޭ ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓުން ބައެއް ބާރުތައް ހިފެހެއްޓުމަށް ވެސް ހުށަހަޅާފައެވެ. އެގޮތުން ސުޕްރީމް ކޯޓުން އަމިއްލަ އިސްނެގުމަށް މައްސަލަތައް ބެލުން ހުއްޓުވުމަށް މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމަށް ބަންޑާރަ ނައިބު ވަނީ އެދިފައެވެ.