Last Updated: April 20, 14:49
Saturday, April 20, 2024
ކުޅިވަރު

ކުޓީނިއޯގެ ދެ ގޯލުން ބްރެޒިލް މޮޅުވެއްޖެ

ފިލިޕޭ ކުޓީނިއޯގެ ދެ ގޯލުން 3-0 އިން ބޮލިވީއާގެ މައްޗަށް ކުރި ހޯދައި، ކޮޕަ އެމެރިކާގެ ފެށުން ބްރެޒިލް އިން ރަނގަޅު ކޮށްފިއެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކުރިއަށްދަނީ ބްރެޒިލްގައި ކަމަށްވާއިރު، ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބްރެޒިލް އަށް ލިބުނު ޕެނަލްޓީއަކުން އެޓީމު ވަނީ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ.

އަދި މެޗުގެ 53 ވަނަ މިނެޓްގައި ބްރެޒިލްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ކުޓީނިއޯއެވެ. މި ދެ ގޯލަށްފަހު ވެސް ބޮލީވިއާގެ ގޯލަށް ބްރެޒިލް އިން ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 85 ވަނަ މިނެޓްގައި އެވަޓަން ސޯރެސް ވަނީ ބްރެޒިލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ބްރެޒިލް އިން މި މުބާރާތާ މިފަހަރު ކުރިމަތިލާފައިވަނީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ނޭމާއާ ނުލައެވެ. ނޭމާ އަށް މި މުބާރަތުގައި ކުޅެވޭ ގޮތް ނުވީ އަނިޔާގެ ސަބަބުންނެވެ.

ބްރެޒިލް އާއި ބޮލީވިޔާއާއެކު ގްރޫޕް އޭގައި ދެން ހިމެނެނީ ޕެރޫ އާއި ވެނެޒުއެލާއެވެ. ގްރޫޕްގެ ދެވަނަ މެޗުގައި ބްރެޒިލް ނިކުންނާނީ ވެނެޒުއެލާއާ ދެކޮޅަށެވެ.