Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޖޭއެސްސީގެ ނިންމުމާ ގުޅޭގޮތުން ޓްވީޓު ކުރެވުނީ އޮޅުމަކުން: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު މުހައްމަދު، ފޮޓޯ: ރާއްޖެއެމްވީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ދަމަހައްޓަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް ހިޔާލު ފާޅުކޮށް ޓްވީޓު ކުރެވުނީ އޮޅުމަކުން ކަމަށް ފެނަކަ އިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޖޭއެސްސީން ނިންމި ނިންމުމާ ގުޅިގެން މީހަކު ފާޅުކުރި ހިޔާލަކަށް ރައްދުދީ ފެނަކައިގެ ރަސްމީ ޓްވީޓާ އެކައުންޓުން ވަނީ ޓްވީޓެއް ކޮށްފައެވެ.

އެ ޓްވީޓާ ގުޅިގެން ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މަސައްކަތުގެ ދާއިރާއާ ނުގުޅޭ، އަދި އެއްވެސް ގޮތަކުން އެކަށީގެން ނުވާ ޓްވީޓެއް ކޮށްފައިވާ މައްސަލަ އެ ކުންފުނިން ބަލާފައިވާ ކަމަށެވެ.

"އެކަމަކީ ޓްވިޓާ ހޭންޑްލް ހަވާލުކުރެވިފައިވާ މުވައްޒަފު، އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓުން ޓްވީޓެއް ކުރަން އުޅުމުގެ ތެރޭގައި ދިމާވެފައިވާ ކަމެއްކަން ވަނީ ދެނެގަނެވިފައި" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ މުވައްޒަފާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށާއި މި ބާވަތުގެ ކަންކަމަކީ މެނޭޖްމެންޓުން އެއްވެސް ހާލެއްގައި ބަލައިގަންނަ، އަދި ތަރުހީބުދޭ ކަމަކަށް ނުވާތީ، ރައްޔިތުންގެ ކިބައި މައާފަށް އެދޭ ކަމަށްވެސް ފެނަކައިގެ ބަޔާނުގައި ވަނީ ބުނެފައެވެ.