Last Updated: April 24, 16:37
Wednesday, April 24, 2024
ޚަބަރު

ލަންކާ އަކީ އަމާންތަނެއްކަން ހާމަކޮށްދޭން ބޭނުން: ނައިބު ރައީސް

ސްރީލަންކާ އަކީ އަމާންތަނެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދޭން ބޭނުންވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސްވެރިންނާ އެކު ނައިބު ރައީސް ފައިސަލް އިއްޔެ ލަންކާ އަށް ވަޑައިގެންނެވީ އެގައުމުގައި ދާދިފަހުން ދެވުނު ޓެރަރިސްޓު ހަމަލާތަކަށްފަހު އެގައުމުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުންނެވެ. އެ ހަމަލާގައި 250 މީހުން ވަނީ މަރުވެފައެވެ.

ސްރީލަންކާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ލަންކާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އޮންނަނީ ބަދަހި ގުޅުމެއް ކަމަށާއި ލަންކާ އަކީ އަމާންތަނެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދޭން ބޭނުންވާ ކަމަށެވެ.

ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ކަމަށާއި އަދި ރާއްޖޭގައި ވެސް އެކި ދާއިރާތަކުގައި ލަންކާގެ މީހުން މަސައްކަތް ކުރާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ލަންކާގެ ރައްޔިތުންގެ ކިބައިން ވަރަށް ގިނަ ކަންކަން ދަސްވެފައިވާ ކަމަށާއި ލަންކާ އާއެކު ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

"މުޅި ދުނިޔެއަށް ގޮވާލަން ލަންކާ އަށް ޒިޔާރަތް ކުރުމަށް. ލަންކާ އާއެކު އޮތް ގުޅުން އަބަދުވެސް ކުރިއަށް ގެންދާނަން. ލަންކާ އާއި ލަންކާގެ ރައްޔިތުންނާއެކު ތިބޭނެކަމުގެ ޔަގީންކަން އަރުވަން" ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް އާއެކު ލަންކާ އަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން ހިމެނެއެވެ.