Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

ރިޔާސީ ކޮމިޝަންތަކަށް ފެށޭ ހަފްތާގައި ބާރުތައް ލިބޭނެ: ނަޝީދު

ކޮރަޕްޝަންގެ މައްސަލަތައް ބަލައި ކޮމިޝަން-- ފޮޓޯ / ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު އަންނަ ހަފްތާގެ ތެރޭގައި ފާސްވެ، އެ ކޮމިޝަންތަކަށް ގާނޫނީ ބާރު ލިބިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސް ވަފްދަކާއި އެކު އަވަށްޓެރި ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލް ކުރީގެ މަޖިލީހުން ފާސް ނުކޮށް އޮތުމަށްފަހު މިހާރުގެ އާ މަޖިލީހުން އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށެވެ.

އަދި މިހާރު އެ މަސައްކަތް މިހާރު އޮތީ ކޮމެޓީ މަރުޙަލާގައި ކަމަށާއި ފެށޭ ހަފްތާގެ ތެރޭގައި އަނބުރާ މަޖިލީހުގެ ތަޅުމަށް ބިލު ގެނެސް އެ ބިލް ފާސް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އެ ކޮމިޝަންތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ނޫސްވެރިންނަށް މަޢުލޫމާތު އަރުވާފައެވެ، އެގޮތުން ނަޝީދު ވިދާޅުވީ އެ ކޮމިޝަންތަކުގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަކީ ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރާ ކޮމިޝަނެކެވެ. ދެން އުފައްދާފައިވާ ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ދަޢުލަތުން ގެއްލިފައިވާ ފައިސާއާ ގުޅޭ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނެކެވެ.