Last Updated: March 29, 16:45
Friday, March 29, 2024
ކުޅިވަރު

ދިއްދޫ ފުޓްސަލް މުބާރާތް ކުރިއަށް ނުގެންދަން ނިންމައިފި

ހއ.ދިއްދޫ ކައުންސިލްގެ ތިންވަނަ ފިތުރު އީދު ފުޓްސަލް މުބާރާތުގައި ކުޅެމުންދިޔަ މެޗެއް ހޫނުވެ ދިއްދޫ ފުޓްސަލް ދަނޑަށް ގެއްލުންދިން މައްސަލައިގައި އެ މެޗުގައި ބައްދަލުކުރި ދެ ޓީމާއި، ކުޅުންތެރިންތަކެއް ޖޫރިމަނާކޮށް މުބާރާތް އިތުރަށް ކުރިޔަށް ނުގެންދިޔުމަށް ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މުބާރާތުގެ ދެ ޓެކްނިކަލް ކޮމިޓީއާއި، ރެފްރީ ކޮމިޓީއަށް އެ ކައުންސިލުން އެއްވެސް މިންވަރަކަށް ނުފޫޒް ފޯރުވާފައި ނުވާނެ ކަމަށާއި، ވަކި ޓީމަކަށް ފައިދާވާގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އަދި މަސްލަހަތު ގެއްލި މެދުކަނޑާލަން ޖެހުނު ފުޓްސަލް މުބާރާތުގެ ޓެކްނިކަލް ކޮމެޓީގެ މަސައްކަތަށް ރިއާޔަތްކޮށް 12 ފިޔަވަޅެއް އެޅުމަށް ދިއްދޫ ކައުންސިލުން ނިންމަވާފައިވެއެވެ. ދިއްދޫ ކައުންސިލުން ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ނިންމަވާފައި މިވަނީ ފުޓްސަލް މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބާއި، ދަނޑުގެ ތަކެއްޗަށް ގެއްލުންދީ އެކި ފަރާތްތަކާ މެދުގައި ހަމަނުޖެހުން ހިންގާފައިވާ މައްސަލަތައް ބެލުމަށްފަހުއެވެ.

ބްލެކްޒީނޯ އަދި ވަންތަޅާ ބައްދަލުކުރި މުބާރާތުގެ 36 ވަނަ މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި، ފުޓްސަލް ދަނޑަށް ދިން ގެއްލުމަކީ އިންތިހާއަށް ކުށްވެރިކޮށް ހިތާމަކުރާ ކަމެއް ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުބާރާތް ކުރިޔަށް ގެންދިޔުމަށްޓަކައި ރެފްރީން ހޯދުމަށް މެދުނުކެނޑި ކުރި މަސައްކަތް ކާމިޔާބުކުރެވިފައި ނުވާކަމަށެވެ. އަދި މި ސަބަބާއި ހުރެ ދިއްދޫ ކައުންސިލުން ނިންމާފައިވަނީ، އެ މުބާރާތް މިހާ ހިސާބުން ނިންމާލުމަށްފަހު 1 ނޮވެންބަރ 2019 ގައި އާ މުބާރާތެއްގެ ގޮތުގައި މި މުބާރާތް ބޭއްވުމަށެވެ.