Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މަޑުއްވަރީ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށައިފި

ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ރ.މަޑުއްވަރީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް އަމަލީ ގޮތުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ހަސަންއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން މަޑުއްވަރީގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ބ.ދަރަވަންދޫ، ހދ.ނޮޅިވަރަންފަރު އަދި ށ.ފޯކައިދޫ ފެނުގެ ނިޒާމް ޤާއިމްކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމްކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވުމާއި، މިދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނޭ ކަމަށްވެސް ހާމަކުރެއެވެ.

އެގޮތުން މުޅި އެ މަޝްރޫއަށް ޖީ.ސީ.އެފް އިން ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ 23,636,364.00 (ތޭވީސް މިލިއަން ހަސަތޭކަ ތިރީސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ހަތަރު ޔޫ.އެސް ޑޮލަރު) ޔޫ.އެސް ޑޮލަރު ކަމަށާއި އެ ފައިސާ ސަރުކާރަށް ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މަޑުއްވަރީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑް އިންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.

މި މަޝްރޫޢުގެ ދަށުން މަޑުއްވަރީ ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރާނެއެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން އާ ޙަވާލުކުރެވިފައި ވަނީ 30,538,893.81ރ. (ތިރީސް މިލިއަން ފައްސަތޭކަ ތިރީސް އަށް ހާސް އަށް ސަތޭކަ ނުވަދިހަ ތިން ރުފިޔާ އަށްޑިހަ އެއް ލާރި) އަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ނޮވެންބަރު 2019 އަށެވެ.