Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

ޖިނާއީ އަދުލަށް އިތުބާރު ކުރާނީ އަދުލު އިންސާފު ގާއިމް ކޮށްގެން: ޕީޖީ

މިއަދު ބޭއްވި ޕްރޮސިކިއުޓަރުންގެ މަހާސިންތާގައި ޕީޖީ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / އައްޑުލައިވް

ޖިނާއީ ޢަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ދެމެހެއްޓޭނީ އަދުލު އިންސާފު ޤާއިމްކުރާތަން ފެނިގެންކަމަށް ޕްރޮސިކިއުޓަރ ޖެނަރަލް ޢާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "ޕްރޮސިކިއުޓަރުންގެ މަހާސިންތާ 2019" ފައްޓަވައި ދެއްވައި ވާހަކަފުޅުދައްކަވަމުން ބިޝާމް ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނަކުން ލާޒިމްކުރާ ޖިނާޢީ އިޖުރާޢަތަކަށް އަމަލުކުރަން ފެށިނަމަވެސް އަދިވެސް ކަމާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތައް އެ ބަދަލުތަކަށް ބީރައްޓެހި ކަމަށެވެ.

ބިޝާމް ވިދާޅުވީ އެކަމުގެ ސަބަބުން ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ މުއައްސަސާތަކަށް ވެސް ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށާއި ރައްޔިތުން އެނިޒާމަށް ކުރާ އިތުބާރު ދެމެހެއްޓޭނީ ދެމެހެއްޓެނިވި މުހިއްމު ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިދަންނަވާ ބަދަލުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ މި ނިޒާމުގެތެރޭގައި ހިމެނޭ މުއައްސަސާތަކަށް. ރައްޔިތުން ބަލައިގަންނަފަދަ އުސޫލުތަކަށް އަމަލުކުރުމަށް މުއައްސަސާތަކުން ކުރާ މަސައްކަތްތައް ހަމަހަމަ ދެފުށްފެންނަ އުސޫލަކުން ކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް. އެހެންކަމުން އިންސާފުޤާއިމުވެގެންދާތަން ރައްޔިތުންނަށް ފެންނަން އެބަޖެހޭ" އާއިޝަތު ބިޝާމް ވިދާޅުވިއެވެ.

ޖިނާޢީ މައްސަލަތައް ޕްރޮސިކިއުޓް ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުމުގެ ކަންކަން އެ އޮފީހުން ކޮންމެދުވަހަކުވެސް ކުރައްވާ ކަމަށް ވިދާޅުވެ ޕީޖީ ވަނީ ޖިނާޢީ ޢަދުލުގެ ނިޒާމު ފުރިހަމަކުރުމަށް ވުޖޫދަށް ގެންނަންޖެހޭ ޤަވާޢިދުތައް ވީހާވެސް އަވަހަށް ހަދައި ފުރިހަމަކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

"މިޤާނޫނުތައް ތަންފީޒުކުރުމައްޓަކައި ބައެއް މުއައްސަސާތަކުން އެކުލަވާލަންޖެހޭ ޤާވާއިދުތައް މިއަދާ ހަމައަށް އައިއިރުވެސް އެކުލަވާލާފައި ނުވާކަމީ އަޅުގަނޑު ކަންބޮޑުވާކަމެއް. އޭގެ ނޭދެވޭ އަސަރު މުޅި ނިޒާމައަށް އަންނަނީ ކުރަމުން. އެހެންކަމުން ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގިނަ މުއައްސަސާތަކުގެ އިސްވެރިން މިތަނުގައި ތިއްބެވުމާއެކު، އަޅުގަނޑު އިލްތިމާސްކުރަން ބޭނުން މި ނިޒާމް ފުރިހަމަކުރުމަށްޓަކައި ވުޖޫދަށް ގެންނަންޖެހޭ ޤަވާއިދުތައް ހަދައި ފުރިހަމަކުރުމަށް. އަދި ތައާރުޒުވާ ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް އަވަސްކުރަންޖެހޭކަމަށްވެސް އަޅުގަނޑުދެކެން" ޕީޖީ ބިޝާމް ވިދާޅުވިއެވެ.

ބިޝާމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ މަސައްކަތްތަކަކީ ރައްޔިތުންނަށް ރައްޓެހި ނިޒާމަކުން ކުރާ މަސައްކަތަކަށް ވާން ޖެހޭ ކަމަށެވެ.