Last Updated: April 25, 10:47
Thursday, April 25, 2024
ކުޅިވަރު

އެމްއެންޑީއެފްގެ "ރަން 127" އައްޑޫގައި ބާއްވައިފި

އެމްއެންޑީއެފް ސަދަން އޭރިއާގެ ފަރާތުން "ރަން 127" ނަމުގައި ދުވުމެއް އިއްޔެ އައްޑޫގައި ބާއްވައިފިއެވެ.

އިއްޔެ ހަވީރު 16:00 ގައި މި ދުވުން ފެށީ އައްޑޫ ސިޓީ މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމް ކައިރިންނެވެ. މި ދުވުން ބާއްވާފައިވަނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ އެއީ ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ކެޓެގަރީއެވެ.

ކޮންމެ ކެޓަގަރީއަކުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފައެވެ. އަދި ވަނަތަކަށް ހޮވުނު ފަރާތްތަކަށް މެޑަލް އާއި ފައިސާގެ އިނާމު ދީފައިވެއެވެ.

އެގޮތުން ފަސް ކިލޯ މީޓަރުގެ ބައިން އެއްވަނަ ހޯދި އަންހެން އަދި ފިރިހެން ދުވުންތެރިޔާ އަށް 4000 ރުފިޔާ، ދެވަނަ ހޯދި ފަރާތަށް ވެސް 4000 ރުފިޔާ އަދި ތިންވަނަ ހޯދި ފަރާތަށް 1000 ރުފިޔާއެވެ. 10 ކިލޯމީޓަރުގެ ބައިން އެއްވަނަ ހޯދި އަންހެން އަދި ފިރިހެން ދުވުންތެރިޔާ އަށް 4500 ރުފިޔާ، ދެވަނަ ހޯދި ދުވުންތެރިޔާ އަށް 2500 އަދި ތިންވަނަ ހޯދި ފަރާތަށް 1000 ރުފިޔާއެވެ.

އެގޮތުން ފަސް ކިލޯ މީޓަރު ދުވުމުގެ ފިރިހެން ބައިން އެއްވަނަ ހޯދީ އަބްދުﷲ ނިހާޝްއެވެ. އޭނާ ދުވުން ނިންމީ 20 މިނެޓް ހަތް ސިކުންތުންނެވެ. ދެވަނަ ހޯދީ މުހައްމަދު އަނޫފް އަލީ ކަމަށްވާއިރު އޭނާ ދުވުން ނިންމީ 20 މިނެޓް 47 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދި މުހައްމަދު ޖަލާއިލް ފަޔާޒު ރޭސް ނިންމީ 21 މިނެޓް 38 ސިކުންތުންނެވެ.

ފަސް ކިލޯ މީޓަރު ދުވުމުގެ އަންހެން ބައިން އެއްވަނަ ހޯދީ އައިޝަތު ނަފްހާ ނަޝީދެވެ. ނަފްހާ ދުވުން ނިންމާފައިވަނީ 23 މިނެޓް 26 ސިކުންތުންނެވެ. ދެވަނަ ހޯދި މަރިޔަމް އަޒްކާ ދުވުން ނިންމީ 27 މިނެޓް 47 ސިކުންތުން ކަމަށްވާއިރު ތިންވަނަ ހޯދި އައިޝަތު ނުބްލާ ދުވުން ނިންމީ 27 މިނެޓް 54 ސިކުންތުންނެވެ.

އަދި 10 ކިލޯމީޓަރު ދުވުމުގެ ފިރިހެން ބައިން އެއްވަނަ ހޯދީ މުހާޖިރު ޒިޔާދު މުހައްމަދެވެ. އޭނާ ދުވުން ނިންމީ 47 މިނެޓް 23 ސިކުންތުންނެވެ. ދެވަނަ ހޯދި އަހުމަރު އަފްޒަލް ދުވުން ނިންމީ 50 މިނެޓް 25 ސިކުންތުން ކަމަށްވާއިރު ތިންވަނަ ހޯދި އަހުމަދު މުނީޒު ދުވުން ނިންމީ 53 މިނެޓް 15 ސިކުންތުންނެވެ.

10 ކިލޯމީޓަރުގެ އަންހެން ބައިގައި ވާދަކޮށްފައިވަނީ އެންމެ ފަރާތެކެވެ. އެގޮތުން އެ ބައިން ދުވި ހަމައެކަނި ފަރާތަކީ ފާތުމަތު ހިންދު އަބްދުލް މުހުސިން ކަމަށްވާއިރު އޭނާ ދުވުން ނިންމާފައިވަނީ އެއް ގަޑިއިރާއި 19 މިނެޓުންނެވެ.

މިއީ އެމްއެންޑީއެފްގެ 127 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އެޅުމުގެ ގޮތުން ބޭއްވި ދުވުމެކެވެ.