Last Updated: April 20, 14:49
Saturday, April 20, 2024
ކުޅިވަރު

އުރީދޫ ކަލަރ ރަންއަށް ރަޖިސްޓްރީ ކުރުން މިއަދު ހިތަދޫގައި

އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަން އަށް ރަޖިސްޓްރީ ކުރުމަށް ހާއްސަ އިވެންޓެއް މިއަދު ހިތަދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އިވެންޓު ކުރިއަށްދާނީ ހިތަދޫ ބޮޑުމަގުގައި ހުންނަ ރޯޔަލް ޕާލް ފިހާރަ ކައިރީ މިއަދު ހަވީރު 16:00 އިން 18:00 އަށެވެ. މިފަދަ އިވެންޓެއް އިއްޔެ ހަވީރު މަރަދޫގައި ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އުރީދޫ ކަލަރ ރަން އަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިއަދު ހަމަވާނެއެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ އިވެންޓެކެވެ.

އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ކަލަރ ރަން އައްޑޫގެ ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ކަލަރ ރަން އައްޑޫ ޓީޝާޓް ހިމެނޭ އިރު އަގަކީ 85 ރުފިޔާއެވެ. 150 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ކަލަރ ރަން އައްޑޫ ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ކަރުދާސް ތޮތްޕެއް ހިމެނިފައިވެއެވެ.

ކަލަރ ރަން އައްޑޫ މި މަހުގެ 28 ގައި އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެންނެވެ. މިފަހަރުގެ ކަލަރ ރަންގައިވެސް އިވެންޓް އޯގަނައިޒަރ އަކީ ޔުނިކްސް ސްޕޯޓިންގ އެވެ.