Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް އަލުން ފަށައިފި

ހައިކޯޓް ދެކުނު ގޮފީގައި ޝަރީއަތްތައް އަލުން މިއަދު ފަށައިފިއެވެ.

ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގަން މިއަދުން ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދަކުން މަސައްކަތް ކުރާނެ ކަމަށް ހައި ކޯޓުން ބުންޏެވެ.

ދެކުނު ގޮފީގައި މިއަދުން ފެށިގެން މަސައްކަތް ކުރައްވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފް އިބްރާހީމްއެވެ.

ހައިކޯޓު ދެކުނު ގޮފީގައި މިއަދު 10 މައްސަލައެއް ކުރިއަށް ގެންދަން ތާވަލުކުރެވިފައިވެއެވެ. ހައިކޯޓުގެ ދެކުނު ގޮތްޕައް ނިންބަތްވާ ސަރަޙައްދަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ.

ދެކުނު ގޮފީގައި ތިން ފަނޑިޔާރުން ތިއްބަވައިގެން ޝަރީއަތްތައް މީގެކުރިން ހިންގެވި ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ގޮފިތަކަށް ޝަރުއީ ވަފުދު ފޮނުވާ ގޮތަށް ނިންމަވާ އެ ފަނޑިޔާރުން މާލެ ބަދަލުކުރައްވާފައެވެ.

އެގޮތުން ޝަރުއީ ވަފުދުތައް ވަޑައިގެން ދެ ފަހަރެއްގެ މަތިން މީގެކުރިން ދެކުނު ގޮފީގައި ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.