ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ޕާލޭ އެއަރ ސްޓްރެޓަޖީ ތަންފީޒުކުރާ ސްކޫލުތަކަށް، އެކަން ފާހަގަ ކުރުމުގެ ގޮތުން ދޭލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
އަދި މި ރަސްމިއްޔާތުގައި މަސްވެރި އުޅަނދުތަކުން ކަނޑުތަކަށް ޕްލާސްޓިކް އުކާނުލާނެކަމުގެ ވަޢުދުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ވަނީ އަރުވާފައެވެ.
މިވަޢުދަކީ ރާއްޖޭގެ ކަނޑުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ ޕާލޭގެ އެވޮއިޑް އިންޓަރސެޕްޓް ރެޑިއުސިންގ ސްޓްރެޓަޖީ، ނުވަތަ ޕާލޭ އެއާ ސްޓްރެޓެޖީގައި ބައިވެރިވެ ވާ ވަޢުދެކެވެ.
ކަނޑުތަކަށް ކުނި ނޭޅުމަށް ވަޢުދުވެ، އިޤުރާރުވި މަސްވެރި އުޅަނދު ފަހަރާއި ފެރީ އުޅަނދު ފަހަރަކީ ރާއްޖޭގެ 23 ރަށަކަށް ނިސްބަތްވާ އުޅަނދުފަހަރެވެ. މިގޮތުން މިވަޢުދުގައި އެންމެ ގިނަ އުޅަނދުތައް ބައިވެރިވި ރަށްރަށުގެ ތެރޭގައި، އއ ރަސްދޫ އާއި ފ ނިލަންދޫ އާއި ގދ ތިނަދޫ އާއި ގއ ގެމަނަފުށީގެ އިތުރުން ފަރެސްމާތޮޑާ ހިމެނެއެވެ.