Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްޑޫގެ 6.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ޕާޓްނަރޝިޕް ފޯރަމަށް

މިދިޔަ މާޗް މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ވަޑައިގެން އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅޭ ތަޞައްވަރު ވަނީ ހާމަ ކުރައްވާފައެވެ. އެގޮތުން އައްޑޫ ސިޓީއަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫޢުއެއް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ. މިއަދާއި ހަމައަށްވެސް މާބޮޑު މަސައްކަތެއް އެ މެގަ ޕްރޮޖެކްޓުން ފެށިފައި ނުވާ މި މަސައްކަތް މާދަމާ ބާއްވާ ޕާޓްނަރޝިޕް ފޯރަމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

"އައްޑުއަކީ ވަރަށް ހާއްސަ ތަނެއް، މާލެއަށް ފަހު އެންމެ ބޮޑު އާބާދީއެއް ވެސް އޮތީ ވެސް އައްޑުގައި ގުދުރަތީ ގޮތުން ނުހަނު ރީތިތަނެއް، ތަރައްގީ ކުރާނެ ފުރުސަތު އެހާ ބޮޑު ތަނެއް،" ރައީސް ވިދާޅުވި އެވެ. "އައްޑޫއަށް ގެންނަ މެގަ މަޝްރޫއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ، އައްޑޫގެ އިނދަޖެހިފައިވާ އިގްތިސާދު ކޮޅަށް ޖެހި، ގައުމީ އިގްތިސާދުގެ އިންޖީނަކަށް އައްޑޫ ވެގެން ދާނެ،" އައްޑޫ ރަައްޔިތުންނާއި މުޚާތަބު ކުރައްވާ ރައީސް ވިދާޅުވިއެވެ.

ކުރުނބާ މޯލްޑިވްސްގައި މާދަމާ ފަށާ ޕާޓްނަރޝިޕް ފޯރަމްގައި އައްޑޫ ސިޓީގައި ތަރައްޤީ ކުރަން ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތައް އިންވެސްޓަރުންނަށް ހުށަހަޅާނެއެވެ. ޕާޓްނަރޝިޕް ފޯރަމްގައި ބުނެފައިވާ ގޮތުގައި އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ ޢަދަދަކީ 414 މިލިއަން ޑޮލަރެވެ. އެއީ 6.3 ބިލިއަން ދިވެހި ރުފިޔާއެވެ.

އައްޑޫ ސިޓީގައި ސަރުކާރުން ގެންނަ މަޝްރޫޢުތައް:
• ވިޔަފާރީގެ ބޭނުންތަކަށް 203 ހެކްޓަރުގެ ބިން އާއްމުންނަށް ދޫކުރުން
• ޓޫރިޒަމްގެ ދާއިރާ ފުޅާ ކުރުން
• އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން، އަދި މިހާރު ހުރި މަގުތައް މަރާމާތުކޮށް ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުން
• ހިތަދޫ ޕޯޓުގެ ޚިދުމަތް ފުޅާކޮށް، އެތަނުގެ ކެޕޭސިޓީ އިތުރުކުރުން
• ހުޅުމީދޫ، މަރަދޫ އަދި ފޭދޫގެ ބަނދަރު ތަރައްޤީ ކުރުން
• އިތުރު ހައުސިން ޔުނިޓުތައް އެޅުން
• އައްޑޫ ފިޝަރޒް ކޮމްޕްލެކްސްގެ ޚިދުމަތް އިތުރަށް ފުޅާކުރުން
• ހިތަދޫގެ އައިސް ޕްލާންޓެއް ތަރައްޤީކޮށް މަސް ޕްރޮސެސް ކުރެވޭނެ ގޮތްތައް ޤާއިމް ކުރުން
• ޔޫތު ސެންޓަރަކާއި ރީހެބލިޓޭޝަން ސެންޓަރެއް ގާއިމް ކުރުން
• އިސްލާމިކް ސެންޓަރެއް ޤާއިމް ކުރުން
• އައްޑޫ ސިޓ އިންޖީނުގޭގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް، އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރުން އިތުރުކުރުން
• ގަމުގައި ކޮންވެންޝަން ސެންޓަރެއް ޤާއިމްކުރުން
• ސަރުކާރު އޮފީސްތަކަށް ޚާއްސަ އިމާރާތެއް ހެދުން
• އައްޑޫގައި މިހާރު ހުރި ނޭޗަރ ޕާކް ތަރައްޤީކޮށް ޚިދުމަތް އިތުރަށް ފުޅާކުރުން
• މޫސުމީ ބަދަލުތަކާއި ގުޅުންހުރި ދިރާސާތައް ކުރުމަށް ފެސިލިޓީ ޤާއިމްކުރުން
• އައްޑޫ ސިޓީގައި މިއުޒިއަމެއް ތަރައްޤީ ކުރުން
• އައްޑޫ ކައިރި ވަށައިގެން ހުރި ފަޅުރަށްތަކުގެ ތެރެއިން ހަތަރު ރަށެއް ތަރައްޤީކޮށް ޓޫރިޒަމަށް ހުޅުވާލުން

އެރޭގެ ވާހަކަފުޅުގައި ރައީސް ޞާލިޙު ވިދާޅުވީ އެ ބިޔަ މަޝްރޫއު ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިނގާނެ ކަމަށެވެ. އަދި މި އަހަރު އެކަނި ވެސް އަައްޑޫ ތަރައްގީއަށް 470 މިލލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށާއި އެއީ މަގުތައް ހެދުމާއި ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ތަސައްވަރު އުފެއްދީ މި ސިޓީ އިން، މި ތަސައްވަރު ތަންފީޒު ކުރާނީ ވެސް ތިބޭފުޅުން. އަޅުގަނޑުގެ ދައުރަކީ މިކަމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތަކާއި ގާނޫނީ ބާރުވެރިކަން ތިބޭފުޅުންނަށް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.

މާދަމާ އޮންނަ ޕާޓްނަރޝިޕް ފޯރަމް އިފްތިތާޙް ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ފޯރަމްގައި ރަޙުމަތްތެރި ޤައުމުތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއިއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާއި ބެހޭ ގޮތުންނާއި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރެވޭނެއެވެ.

މި ފޯރަމްގައި، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވި، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އިޤްތިޞާދީ އަދި އިޖްމާޢީ އެކި ދާއިރާތަކުން ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.