Last Updated: April 23, 17:09
Tuesday, April 23, 2024
ކުޅިވަރު

ސްޕޯޓްސް ކައުންސިލް އުވާލައިފި

ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ސްޕޯޓްސް ކައުންސިލް އުވާލައިފިއެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ފާސްކޮށްފައިވާ ކުޅިވަރާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލުމަށް ބުނެފައިވާ ސްޕޯޓްސް ކައުންސިލް ޤާނޫނާއި އެއްގޮތަށް އެކުލަވާލުމަށްޓަކައި މިހާރު އޮތް ކައުންސިލް އުވާލެވިފައިވާ ކަމަށެވެ.

މި ކައުންސިލްގައި ހިމެނެނީ ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރައްވާ ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ އަންހެން ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ ގާނޫނީ ވަކީލަކާއި، އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލް ކުރުމަށް އެ ވުޒާރާގެ ވަޒީރު އައްޔަންކުރައްވާ މެންބަރަކާއި، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސައްކަތަކީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން ބެލެހެއްޓުމާއި އެތުލީޓުން ކުރިއަރުވައި ތަރައްގީކުރަން މަސައްކަތް ކުރުމެވެ. ސްޕޯޓްސް ކައުސިލްގެ ރައީސަކީ ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އިބްރާހީމް އިސްމާއީލެވެ.

މި ގާނޫނުގައި ބުނެފައިވަނީ ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަސް ތެރޭގައި 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކުޅިވަރާއި ބެހޭ ޤައުމީ މަޖިލީހެއް ނުވަތަ ސްޕޯޓްސް ކައުންސިލެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އެ ކައުންސިލް ނުވަތަ ގައުމީ މަޖިލިސް އެކުލަވާލާނީ ކުޅިވަރާއި ބެހޭ ވަޒީރު ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ދެން ސްޕޯޓްސް ކައުންސިލް އެކުލަވާލާނީ އިންތިޚާބު ކުރަންޖެހޭ މެންބަރުންނާއި އެކުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.