Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޗެލްސީ ދޫކޮށް ސާރީ ޔުވެންޓަސް އަށް

ޗެލްސީ ދޫކޮށްލުމަށްފަހު މައުރީޒިއޯ ސާރީ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެއްޖެއެވެ.

އުމުރުން 60 އަހަރުގެ ސާރީ ޔުވެންޓަސް އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ސާރީ ޗެލްސީ އަށް ބަދަލުވީ ވެސް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ސާރީ އާއެކު ހަދާފައިވާ ކޮންޓްރެކްޓު ޗެލްސީން އުވާލީ އަލުން އެނބުރި އިޓަލީ އަށް ދާން ބޭނުންވާކަން ސާރީ ޗެލްސީ އަށް އެންގުމާ ގުޅިގެންނެވެ.

"ޔޫރޮޕާ ލީގުގެ ފައިނަލަށްފަހު ދެކެވުނު ވާހަކަތަކުގައި ސާރީ ވަނީ ބުނެފައި އެނބުރި އުފަން ގައުމު ކަމަށްވާ އިޓަލީ އަށް ދާން ބޭނުންވާ ވާހަކަ. އޭގެ ސަބަބުތައް ވެސް އަހަރުމެންނާ ހިއްސާކުރި" ޗެލްސީގެ ޑިރެކްޓަރު މަރީނާ ވިދާޅުވިއެވެ.

ސާރީގެ އިރުޝާދުގެ ދަށުން ކުޅެ ޗެލްސީން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ނިންމާލީ ތިންވަނައިގައި އޮވެއެވެ. އެއާއެކު އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ޗެލްސީ އަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބިގެން ގޮސްފައެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ އިތުރުން ސާރީ ވަނީ ޗެލްސީ އަށް ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްދީފައެވެ. މިއީ ސާރީގެ ކެރިއަރުގެ ފުރަތަމަ ތަށި ވެސް މެއެވެ.

ސާރީ ޗެލްސީ ދޫކޮށްލާފައިވާއިރު އެ ކްލަބުގެ ކޯޗު ކަމުގެ މަގާމަށް ދެން އައުން އެންމެ ގާތީ ކުރިން ޗެލްސީ އަށް ކުޅުނު ފްރޭންކް ލަމްޕާޑް ކަމަށް ރިޕޯޓުތައް ބުނެއެވެ.