Last Updated: April 25, 11:25
Thursday, April 25, 2024
ކުޅިވަރު

ޔުއޭފާ އަންޑަރ 15 ފުޓްބޯޅަ މުބާރާތް އައްޑޫގައި ބާއްވަނީ

ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓުގެ ހޯސްޓް ސިޓީއަކަށް އައްޑޫސިޓީ ހަމަޖެހިއްޖެއެވެ.

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރެއެވެ.

މިމުބާރާތް އައްޑޫގައި ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އިއްޔެ އައްޑޫސިޓީ ކައުންސިލާއި، އެފްއޭއެމް، ޔޫތު މިނިސްޓްރީ، ޕޮލިސް، އެމްއެންޑީއެފް، އެމްޕީއެލް، އެޗްއާރުއެޗް އަދި އެމްޕީއެލްގެ އިސްވެރިން ވަނީ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

މިބައްދަލުވުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިޙްސާން އަބްދުލް ޢަނީ މައުލޫމާތު ދެއްވި ގޮތުގައި ޖުލައި މަހުގެ 18 ވަނަ ދުވަހު މުބާރާތުގައި ވާދަ ކުރާ ޓީމުތަކުން އައްޑޫ އަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިހްސާން ވިދާޅުވި ގޮތުގައި މިމުބާރާތުގެ ސަބަބުން އައްޑޫގައި ފުޓްބޯޅައަށް އޮންނަ ފޯރި އިތުރުވެ އައްޑޫއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ޒުވާން ކުޅުންތެރިންނަށް ވީހާވެސް ބޮޑަށް އިންޓަނޭޝަނަލް އެކްސްޕޯޝާ ދިނުން ކަމަށެވެ.

ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓް ކުރިއަށް ދާނީ ޖުލައި މަހުގެ 20 ވަނަ ދުވަހުން 29 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.